ޚަބަރު

ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ސޯލަރ ޕެނަލް ހަރުކުރަން ފަށައިފި


ހދ.ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. މިމަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދާ "ޕޮއިސްޑް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޕޮއިސްޑް ނުވަތަ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

އޭޑީބީން މި މަޝްރޫޢަށް ފަންޑުކުރާއިރު، މަޝްރޫޢު ތަންފީޒުކުރަމުންދަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ފެނަކަ ގުޅިގެންނެވެ. މި މަޝްރޫޢު މެދުވެރިކޮށް ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ސޯލަރ ޑީސެލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ސިސްޓަމްތައް ތަޢާރަފުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެކަން ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް އެކި ރަށްތަކުގައި މިހާރު ދަނީ ކުރަމުންނެވެ.

ފެނަކައިން ސޯލަރ ހަރުކުރަން ފަށާފައިވާ ކުޅުދުއްފުށީގައި މި މަޝްރޫޢުގެ ދަށުން 800 ކިލޯ ވޯޓްގެ ސޯލާ ޕީވީ ހަރުކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު އަހަރަކު 400،000 ލީޓަރުގެ ޑީސަލް ސަލަމާތް ކުރެވޭނެކަމަށާއި ތެލުގެ ޚަރަދުން އަހަރަކު 3,000,000 ރުފިޔާ ސަލާމަތް ވާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި ޖައްވަށްބޭރު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 1056 ޓަނު މަދު ވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ.

ނޮޅިވަރަންފަރުގައި ހިންގާ މަޝްރޫޢުގެ ސަބަބުން ފެނަކައިގެ ތެލުގެ ޚަރަދުން އަހަރަކު 946,200 ރުފިޔާ ސަލާމަތް ވާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި 124،500 ލީޓަރުގެ ޑީސަލް ސަލާމަތްވާނެކަމަށާ، ޖައްވަށް ބޭރު ކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 328.68 ޓަނު މަދު ވެގެންދާނެ ކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލަރ ޕެނަލްތައް ހަރުކޮށް ކަރަންޓު ވިއުގާއާ ގުޅާލުމުން، ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެކަމަށާއި، ޖައްވަށް ދޫކުރާ ކަރބަންޑައިއޮކްސައިޑް އަހަރަކު 4 ޓަނު ކުޑަކޮށްދޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ހަކަތައިގެ ދާއިރާއިން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ %70 ޢިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.