ޚަބަރު

ފަޔާޒު ޖޭޕީން ވަކިވިއިރު، ޝިދާތާ އަދާލަތު ޕާޓީން ވަކިވެއްޖެ


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ އިސްދެބޭފުޅުން ކަމުގައިވާ މުހައްމަދު ފަޔާޒުއާއި، ޝިދާތާ ޝަރީފް އެ ދެ ޕަޓީން ވަކިވެވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް ކަމުގެ މަޤާމުންނާއި، އެޕަޓީގެ މެމްބަރުކަމުން ވަކިވިކަން އަންގައި ފަޔާޒު ވަނީ ޖުމްހޫރީ ޕާޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. ފަޔާޒު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ފުލުހުންގެ އިސް މަޤާމްތަކާއި، ރައީސް ޔާމީންގެ ވެރިކަމުގައާއި، ރައީސް ވަހީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

ފަޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވާއިރު، އެޕާޓީގެ އިސްސަފުގައި ހިމެނި ވަޑައިގަންނެވި ކާނަލް މުހައްމަދު ނާޒިމްއާއި، އަބްދުﷲ ރިޔާޒު އިސްވެ ގެންދަވަނީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މިޕާޓީއަށް ސޮއިކުރަމުންދާ ގިނަ ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ހިމެނެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާޕަތު ޕާޓީން ޝިދާތާ ޝަރީފްވެސް ވަނީ ވަކިވެވަޑައިގެންފައެވެ. ޝިދާތާ އަދާލަތު ޕާޓީން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ހުންނެވީ އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރައީސާކަމުގެ މަގާމުގައެވެ.

މިސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގެ ގޮތުގައި ޖެންޑަރ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނަވަނިކޮށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހަށް ވެއްދުމަށް މެމްބަރުން މަސައްކަތް ފެއްޓެވި ހިސާބުންނެވެ.