"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"ގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ހުރިހާ ފެރީތައް ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިފެރީތައް ބަނުމުގެ މަސައްކަތް ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުންޏާ ހަވާލުކުރީ މިދިޔަ އޭޕްރީލްމަހުއެވެ. ގަލްފް ކްރާފްޓާ ހަވާލުކޮށްފައިވަނީ ޒޯން 1ގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތެވެ.
"އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް"އަކީ ޒަމާނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ. މި މަޝްރޫއަށް ބޭނުންވާ އުޅަނދުތަކުގެ މަސައްކަތާއި، އަދި ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.
މި މަޝްރޫއުގެ ދަށުން ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.
CEO @adamazim accompanied Minister @AslamAslamtey, Minister @aishath_nahula, Minister Ali Shiyam and other officials to Gulf Craft to inspect the production of 17 speed boats that is being built under the Integrated National Public Ferry Network Project. #MTCCTransport pic.twitter.com/FyrufgDjQa
— MTCC Plc (@MTCCPlc) August 22, 2021
މިމަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފެރީތައް ބަނުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފެރީގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާކަމަށެވެ. އަދި އެފެރީގެ މަސައްކަތް ނިންމާ އަންނަމަހުގެ ތެރޭގައި ޓެސްޓްކުރާނެކަމަށާއި އަދި އެއަށްފަހު އިތުރު ފެރީތައް ބަނުމުގެ ބޮޑު މަޝްރޫއު ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަމާޒަކީ ކުރިއަށް އޮތް 4 މަހުގެ ތެރޭގައި ޒޯން 1 އަށް ބޭނުންވާ ހުރިހާ ފެރީތަކެއް ޚިދުމަތަށް ނެރުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ފެރީ ނިޒާމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. ގަލްފް ކްރާފްޓާ ހަވާލުކޮށްފައިވަނީ ޒޯން 1ގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތެވެ. އެމްޓީސީސީން ކުރިން ލަފާކޮށްފައިވަނީ ޒޯން 1ގެ ޚިދުމަތް އަހަރުގެ ފަހު ކުއާޓަރުގައި ފެށުމަށް ނަމަވެސް ކޯވިޑާއި ގުޅިގެން މަސައްކަތަށް ލަސްތަކެއް އައުމާ ގުޅިގެން މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ އަހަރުގެ ފެބުރުއަރީމަހު މިޚިދުމަތް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބަނުމަށް ހަވާލުކުރި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކުގެ ސްޕީޑަށްވުރެ ތިން ގުނަ އަވަސްވާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެއްވިއުގައަކުން ފެރީގެ ނިޒާމް ގުޅުވާލުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މިވަގުތު ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިގޮތުން ހއ.ގެ 3 ރަށެއްގައި ފެރީޓާމިނަލްތައް އެޅުމުގެ މަސައްކަތް ބާރު ސްޕީޑްގައި އަންނަނީ ކުރަމުންނެވެ.
"އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ނިޒާމުގެ ދަށުން ރާއްޖޭގެ އަތޮޅުތައް 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތްދޭނެއެވެ. އަދި ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނެނީ ކައިރި ރަށްރަށަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ.