ޚަބަރު

އަންނަ އަހަރުގެ މަޖިލީހުގެ ބަޖެޓަކީ 184 މިލިއަން ރުފިޔާ


އަންނަ 2022 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްގެ ގޮތުގައި 184 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފޮނުވާއިރު، މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން އާންމު ކޮމިޓީގެ ޒިންމާއެވެ. ބަޖެޓް ފާސްކުރުމުގެ ކޮމިޓީގެ މަސައްކަތް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވުމުން، ފާސްކުރި ބަޖެޓްގެ އަދަދު ފިޔަވައި އެހެން މައުލޫމާތު ފިނޭންސް މިނިސްޓްރީން ފޮނުވާ އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރައްވާއިރު، ކޮމިޓީއަށް ހުށަހަޅުއްވައި އެކަންކަން ސާފުކޮށް ދެއްވާނެކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވުމަށްޓަކައި، ދައުލަތުގެ އެކި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކާއި، ފިނޭންސް މިނިސްޓްރީން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.