ޚަބަރު

އެސްޖީން އައްޔަން ކުރެވޭނީ އަންނަ މަހު 15ގެ ފަހުން: ސީއެސްސީ


ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމަށްޓަކައި މިހާރު ކުރިއަށްދާ އިންޓަރވިއުގެ މަރުހަލާނިމި ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އަންނަ މަހުގެ 15ގެ ފަހުން އައްޔަން ކުރަން ފެށޭނެ ކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 500 އަށްވުރެ ގިނަ މީހުން އެ މަޤާމުތަކަށް ކުރިމަތިލާފައިވާ ކަމަށް ސީއެސްސީން ވަނީ ވިދާޅުވެފައެވެ. ސީއެސްސީގެ ނާއިބް ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ސެކްރެޓަރީ ޖެނެރަލުންނަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ނަންތައް ޝޯޓް ލިސްޓުކޮށް، އިންޓަރވިއު މަރުހަލާ މިފެށޭ ހަފްތާގައި ފެށޭނެކަމަށެވެ.

އޭނާ ވިދާޅުވީ އިންޓަރވިއުގެ މަރުހަލާތައް ނިންމާލުމަށްފަހު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރެވެން ފަށާނެކަމަށް ބެލެވެނީ އަންނަ މަހުގެ 15 ގެ ފަހުން ކަމަށެވެ. ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރުމުގެ މަސައްކަތް ކުރާއިރު، 80 ވަރަކަށް ކައުންސިލަށް އެއްވެސް ވަރަކަށް ކުރިމަތި ނުލާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކައުންސިލްތަކަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލާނެކަމަށެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 511 އެޕްލިކޭޝަނެއް ލިބިފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 54 އެޕްލިކޭޝަން، އަތޮޅު ކައުންސިލްތަކުގެ މަޤާމަށް 86 އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 371 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.