ޚަބަރު

އެއްވެސް ބޭފުޅަކަށް ހިމާޔަތް ދިނުމުގައި ސަރުކާރުގެ އިހުމާލުވުމެއް ނެތް: ޤާސިމް


ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭ ބޭފުޅުންނަށާއި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއްވުމުގައި ދިވެހި ސަރުކާރުގެ އެއްވެސް އިހުމާލުވުމެއް ނެތްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސްގައި ޤާސިމްވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި، ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ޤާސިމް ވަނީ ބިލަށް ކޮމެޓީ މަރުހަލާގައި އިސްލާހު ގެންނަވާއިރު، ބިލުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީން ކުރުން ހުއްޓުވުމަށް އެކަނި އޮތުމުގެ ބަދަލުގައި އިސްލާމްދީނަށާއި، މާތްﷲ އަށާއި، އެކަލާނގެ ރަސޫލާއާއި، ކީރިތި ޤުރުއާނަށް ތައުހީން ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ބިލުގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ.

ބިލާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން މަޖިލިސްގައި ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަތަކާއި، ކުށްދައްކަން އަބަދުވެސް މަސައްކަތް ކުރާކަށެވެ. ނަމަވެސް މިސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފަރުދީގޮތުން ރައްކާތެރިކަން ދޭންޖެހޭ މީހަކަށްނަމަ އެމީހަކަށްވެސް ރައްކާތެރިކަން ކަށަވަރުކޮށް ދެއްވަމުންދާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިފަދަ ގޮތަކަށް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކޮށްނުދޭކަމަށް ބުނެ ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ.

"އިދިކޮޅަށް އޮންނަ ފަރާތްތަކަށް އަބަދުވެސް ފެންނަނީ ކަންކަން ނުކުރެވޭތަން. އެއީ އަބަދުވެސް މަޖިލިސް ތެރެއިން އިވޭ އަޑެއް. އެކަމާއި ހައިރާނެއްނުވޭ. ސަރުކާރުގެ ކުށް ދައްކައި ވާހަކަ ދައްކާނެ. މަޖިލީހުގެ ރައީސަށް ސަރުކާރުން އިނާޔަތް ދީފައިވަނީ ވަރަށް މަތީދަރަޖައަކަށް. އެމަނިކުފާނަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކުރަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހި ސަރުކާރުން ހިމާޔަތްދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން އިހުމާލު ކުރެވިގެންދާކަމަށް." ޤާސިމް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެއް ވަރުގަދަކޮށްފައިވާއިރު ރައީސް ނަޝީދަށް ރާއްޖެ ވަޑައި ނުގެންނެވެންވީ ސަބަބެއް ނެތްކަމަށެވެ.

"ރައީސް ނަޝީދަށްވެސް އަޅުގަނޑަށް ފެންނަ ގޮތުގައި، މިއަދު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ. ކުރިއަށްވުރެއް ބޮޑަށް ލިބިވަޑައިގަންނަވާނެ. މިއަދު މަޖިލީހުގެ ބޭރުގައިވެސް ސެކިއުރިޓީ އެބައޮތް. މިތަނަކާއި ގާތެއް ނުވެވޭނެ މީހުންނަކަށް. މަޖިލިސް ތެރޭގައިވެސް ސެކިއުރިޓީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ނާދެވޭނެ މާހައުލެއްނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގެންނެވޭ ސަބަބެއްނެތް." އިކްރާމް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން މެރުމަށާއި، އިންސާނިއްޔަތާއި ޚިލާފް ޢަމަލުތައް ހިނގިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ގިނަބަޔަކު ފާހަގަކުރެއެވެ.