ޚަބަރު

ރައީސް ނަޝީދަށް ހަމަލާދޭނެ ކަމަށް ބުނި މީހާ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންދާއިރު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ" ކަމަށް ބުނެ މިމީހާ ވަނީ އިންޒާރު ދީފައެވެ.

ފުލުހުން ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ރ.އަތޮޅު މީދޫން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. މިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާކަމަށެވެ. އަދި އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން 15 ދުވަހަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލިސް މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގު ނުނިމެނީސް ރާއްޖެއަށް ދިއުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.