ދުނިޔޭގެ ވިޔަފާރި

ޖުލައިމަހު ތައިލެންޑުން މުދާ އެކްސްޕޯޓްކުރި މިންވަރު ލަފާކުރި ވަރަށްވުރެ އިތުރުވެއްޖެ


ޖުލައިމަހު ތައިލެންޑުން މުދާ އެކްސްޕޯޓްކުރި މިންވަރު ލަފާކުރި ވަރަށްވުރެ އިތުރުވެއްޖެއެވެ.

ޖުލައިމަހު ތައިލެންޑުން މުދާ އެކްސްޕޯޓްކުރި މިންވަރު ލަފާކުރި ވަރަށްވުރެ އިތުރުވިނަމަވެސް، ކޯވިޑާއި ގުޅިގެން އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޮގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ އެކްސްޕޯޓް އަދި އިމްޕޯޓް ޝިޕްމަންޓްތަކުގެ އަދަދަށް އަސަރުކުރާނެކަމަށް ތައިލެންޑުގެ ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވިއެވެ.

ތައިލޭންޑުގެ އިޤްޠިޞާދުގެ މުހިއްމު ބައެއްކަމަށްވާ މުދާ އެކްސްޕޯޓްކުރުމުގެ ސިނާއަތް މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ވަނީ 20.7 އިންސައްތަ ކުރިއަރާފައެވެ. މިއީ މިދާއިރާ ކުރިއަރާނެކަމަށް ލަފާކުރި 19.7 އިންސައްތައަށްވުރެ އިތުރު ޢަދަދެކެވެ.

ވިޔަފަރިއާބެހޭ މިނިސްޓަރު ޖޫރިން ލަކްސަނާވިސިޓް ވިދާޅުވިގޮތުގައި ފުރަންބަންދުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ތަކެތި އުފެއްދުމުގެ ސެކްޓަރަށް އަސަރުކުރާނެއެވެ. އަދި މިހާރުވެސް މޭވާ ބޭރުކުރާ ބައެއް ކާރުޚާނާތައް ބަންދުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މުވައްޒަފުންގެ ލިބުމުގައި ދިމާވެފައިވާ ދަތިތައްކަމަށް ހަބަރުތައް ބުނެއެވެ.

ފެޑެރޭޝަން އޮފް ތައި އިންޑަސްޓްރީޒް (އެފްޓީއައި) އިން ވަނީ ކާރުޚާނާތަކަށް ފިޔަވަޅުތައް ލުއިކޮށްދީ ވެކްސިން ދޭ މިންވަރު އިތުރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

ޖުލައި މަހު ތައިލޭންޑުން މުދާ ބޭރުކުރި މިންވަރު އިތުރުވެފައިވާ ވާއިރު ތައިލޭންޑުން މުދާބޭރުކުރާ ބޮޑެތި ބާޒާރުތަކުގެ ޑިމާންޑު ޖުލައިމަހު ވަނީ އުފުލިފައެވެ. މިއާއިއެކު ތައިލޭންޑުން އެމެރިކާއަށް މުދާބޭރުކުރި މިންވަރު ވަނީ 22 އިންސައްތައަށް އިތުރުވެފައެވެ. އަދި ޗައިނާއަށް މުދާބޭރުކުރި މިންވަރު 23 އިންސައްތައަށް އިތުރުވެފައިވާއިރު ޔޫރަޕް އިއްޠިޙާދަށް މުދާބޭރުކުރި މިންވަރު ވަނީ 21 އިންސައްތައަށް އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ތައިލޭންޑުން މުދާ ބޭރުކުރި މިންވަރު 16.2 އިންސައްތައަށް އަރާއިރު، މި މުއްދަތުގައި އެ ޤައުމަށް މުދާ އެތެރެކުރި މިންވަރު ވަނީ 28.7 އިންސައްތައަށް އިތުރުވެފައެވެ.