ޚަބަރު

"ބާރުތައް ދޫކުރުމުން ވެރިކަން ބަލިކަށި ވާނެކަމަށް ހީވިޒަމާން މާޒީވެއްޖެ"


ބާރުތައް ދޫކުރުމުން ވެރިކަން ބަލިކަށިވެނާކެމަށް ހީވިޒަމާން މާޒީވެއްޖެ ކަމަށާ، ވެރިކަމުގެ ނިޒާމުގެ މިސްރާބު މިހާރުވަނީ ހެޔޮ ވެރިކަމުގެ ނިޒާމަކާ ދިމާއަށް މިސްރާބު ޖަހާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސްގެ މަރުޙަލާގައި މިއަދު ކުރިއަށްދިޔަ ބިމާބެހޭ ބިލަށް ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ މިހަފްތާ ފެށިގެން މަޖިލީހުގެ ތެރެއިން ކުރިއަށްދާ މަސައްކަތަކީ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި، މާލޭގެ މުޒާރާތަކުގައި ހުރި ބާރުތައް ދޫކޮށްލުމުގެ މަސައްކަތް ކަމުގައެވެ.

މަރުކަޒީ ގޮތުން ހިފެހެއްޓިފައިވާ ބާރުތައް ލާމަރުކަޒީ އުސޫލުން ދޫކޮށްލުމަކީ އޭރެއްގައި އޮންނަ ސަރުކާރަކަށް ކުރަން ނުކެރުނު ކަމަކަށް ވީނަމަވެސް މިސަރުކާރުން އެކަން ކުރައްވަމުންދަނީ، ހެޔޮވެރިކަމުގެ މިސްރާބަށް ކަމުގައި ސަލީމް ވިދާޅުވިއެވެ. ބިމުގެ މިލިކުވެރިކަން ކަންސިލްތަކަށް ދިނުމަށް ހުށަހެޅި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއްލިބި، ފުދުންތެރި ކައުންސިލްތަކަށް ވުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެކަމަށެވެ.

"މިސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢުއަކީ ލާމަރުކަޒު ކުރުމުގެ މަޝްރޫޢު. އެމަސައްކަތް މިދަތި އުނދަގޫ ދަނޑިވަޅުގައިވެސް ހަލުވި ސްޕީޑުގައި ކުރިއަށްދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. ވެރިކަން ބަދަލުވިއިރު ބިމުގެ މިލްކުވެރިކަން އޮތީ ރަސްކަމުގެ ޒަމާނުގައިވެސް ނެތްފަދަ މިންވަރަކަށް ދަށަށް ގޮސްފައި. ރައީސުލްޖުމްހޫރިއްޔާގެ ބާރުދަށަށް ހުރިހާކަމެއް ވަނީ ޖަމާކޮށްފައި. ބާރެއް ދޫކޮށްލުމަކީ ވެރިކަން ބަލިކަށި ވެދާނެ ކަމެއްކަމަށް ގަބޫލުކުރި ވެރިން މިފަހަކަށް އައިސް ފެނިގެންދިޔައީ. މިއަދު މިފެންނަނީ ހެޔޮވެރިކަމުގެ ސިފަތައް ބާރުތައް ބެހިގެންދާ ގޮތަށް ވެރިކަން ބައްޓަން ކުރެވިގެންދާ މަންޒަރު." ސަލީމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނާ ފުށުއަރާ މާއްދާތައް އިސްލާހު ކުރަން ހުށަހަޅާފައިވާ ބިމާބެހޭ ބިލާއި ލާމަރުކަޒީ ގާނޫނަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ޢާމްދަނީ އެއަތޮޅެއްގެ ކައުންސިލަށް ލިބޭނެ ގޮތެއް ގާނޫނުގައި އެބައޮތް ކަމަށެވެ. އެހެންވިޔަސް އެ ތަންތަން ރަޖިސްޓްރީ ކޮށްފައި އޮންނަނީ ފިނޭންސް މިނިސްޓްރީގެ ދަށުގައިކަމަށް ސަލީމް ވިދާޅުވިއެވެ. އެތަންތަނާއި އެ ބިމުގެ މިލްކުވެރިކަން އެއަތޮޅު ފިހާރަ ނިސްބަތްވާ އަތޮޅު ކައުންސިލަކަށް ބަދަލު ކޮށްދޭން ސަލީމް ވަނީ ގޮވާލައްވާފައެވެ.

ލާމަރުކަޒީ އުސޫލުން ބިންތަކުން ލިބޭ މަންފާތަކާއި، ބާރުވެރިކަން ކައުންސިލްތަކަށް ލިބުމުން، ރަށްރަށުގެ ފުދުންތެރިކަން އިތުރުވެ، އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ.