ޚަބަރު

ޖޭޕީގެ ހަރަކާތްތައް ފުޅާކުރުމަށް އަތޮޅުތަކަށް ދަތުރު ފަށަނީ


ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސިޔާސީ މަސައްކަތް ފުޅާކުރުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށަށް ދަތުރުތައް ފެށުމަށް އެޕާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލު ވުމުގައި ވަނީ ޕާޓީގެ ޙަރަކާތައް އިތުރަށް ފުޅާކުރުމަށާއި އަތޮޅުތަކުގައި ޙަރަކާތްތައް އިތުރު ކުރުމުގެ މަޝްވަރާތައް ކޮށްފައެވެ. އެގޮތުން އަތޮޅުތަކުގައި ދަތުރުތައް ވަރަށްއަވަހަށް ފެށުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ރޭގެ ބައްދަލުވުމުގައި ޖޭޕީގެ ސުލޫކީ ކޮމެޓީއާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ކުރިމަތި ލާފަވާ ފަރާތަކުގެ އިންތިޚާބު ވަނީ ބާއްވާފައެވެ. މިހާރު މި ދެކޮމެޓީގެ މަސައްކަތްވަނީ ނިންމާފައެވެ. މިބައްދަލުވުމުގައި ޖޭޕީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ވަނީ ހުށަހަޅައި އަދި ކައުންސިލުން އެކަމަށް ވަނީ ރުހުންދީފައެވެ. އަދި ކައުންސިލްގެ 15 މެމްބަރުންތެރެއިން ހުސްވެފަވާ 2 މެމްބަރެއްގެ މަޤާމަށް ބޭފުޅުން ކުރިމަތިލެއްވުމަށް ފުރުސަތު ވަނީ ހުޅުވާލަން ނިންމާފައެވެ. މި ދެމަޤާމު ހުސްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ޖޭޕީން ވަކިވުމުންނެވެ.

މި ބައްދަލުވުމުގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ޑެޕިއުޓީ ލާޑަރު އަދި ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަނާއި ޑެޕީއުޓީ ލީޑަރ އަމީން އިބްރާހިމާ އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ވެވަޑައިގެންނެވިއެވެ.