ދުނިޔޭގެ ވިޔަފާރި

ވަޒީފާ ނެތް މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅޭ ޤައުމަކަށް ދެކުނު އެފްރިކާ


ވަޒީފާނެތް މީހުންގެ ނިސްބަތް މުޅި ދުނިޔެއިންވެސް އެންމެ މަތީގައި އުޅޭ ޤައުމަކަށް ދެކުނު އެފްރިކާ ވެއްޖެއެވެ.

ސްޓެޓިސްޓިކްސް ސައުތު އެފްރިކާއިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން އެ ޤައުމުގެ ވަޒީފާނެތް މީހުންގެ ނިސްބަތް އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 32.6 އިންސައްތައިން 34.4 އިންސައްތައަށް އިތުރުވެފައެވެ. އަދި މަޝްހޫރު ބްލޫމްބާގުން ލަފާކޮށްފައިވާ 33.2 އިންސައްތައަށްވުރެވެސް މަތީ ނިސްބަތެކެވެ. މީގެއިތުރުން މި ނިސްބަތަކީ 2008 ވަނަ އަހަރު ފެށި ކުއާޓްލީ ލޭބަރ ފޯސް ސާރވޭ ފެށިފަހުން ވަޒީފާނެތް މީހުންގެ ނިސްބަތް އެންމަތީ ޢަދަދަކަށް ރެކޯޑް ކުރެވިފައިވާ ނިސްބަތްވެސްމެއެވެ. މިއާއިއެކު ދެކުނު އެފްރިކާއަކީ މިހާރު މުޅި ދުނިޔެއިންވެސް ވަޒީފާނެތް މީހުންގެ ނިސްބަތް އެންމެ މަތީ ޤައުމަކަށް ވަނީ ވެފައެވެ.

ނަމަވެސް ދެކުނު އެފްރިކާގެ އިޤްޠިޞާދު ކޯވިޑްގެ ބަލިމަޑުކަމަށްފަހު މިހާރު އާރާސްތުވާން ފަށާފައިވާއިރު ވަޒީފާނެތް މީހުންގެ ނިސްބަތް މިހާ މައްޗަށް ހިނގައިދާނެކަމަށް ހީނުކުރާކަމަށް މާހިރުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ކޯވިޑްގެ ބަލިމަޑުކަމުގައި ކުރިމަތިވި އިޤްޠިޞާދީ ހީނަރުން އާރާސްތުކުރުމަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. އަދި ކޯވިޑްގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހެދި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި ނިސްބަތް އިތުރަށް މައްޗަށް ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ދެކުނު އެފްރީކާގައި އިޤްޠިޞާދީ ގޮތުން އެންމެ ހަރަކާތްތެރި ދެ ޕްރޮވިންސްކަމަށްވާ ގައިތެންގް އަދި ކަވަޒުލޫ ނަޓާލުގައި ޖުލައިމަހު ހިންގި ހަމަނުޖެހުންތަކުގެ ސަބަބުންވެސް މަދުވެގެން 150000 މީހުންގެ ވަޒީފާ ގެއްލިގެންދިޔަކަމުގައި ސައުތު އެފްރިކަން ޕްރޮޕަޓީ އޯނާރސް އެސޯސިއޭޝަން އިން ބުނެއެވެ.

ވަޒީފާތަކަށް މީހުން ނެގުމާއި ވަކިކުރުމަށް ދެކުނު އެފްރިކާގައި އޮންނަ ތަޢުލީމީ ނިޒާމަކީ މާބޮޑު ހުނަރަކާއި ވަޒީފާއާއިބެހޭ ހަރުކަށި ޤާނޫނެއްވެސް ބޭނުންނުވާ ނިޒާމެކެވެ.