ސިންގަޕޫރުގެ އުފެއްދުންތެރިކަން މިދިޔައަހަރާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު 27.5 އިންސައްތައަށް އިތުރުވެއްޖެކަމަށް ސިންގަރޕޫރު އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑް (އިޑީބީ) އިން ބުނެފިއެވެ. މި ކުރިއެރުން އައިސްފައިވަނީ އިލްކެޓްރޯނިކްސް، ބަޔޯމެޑިކަލް އަދި ކެމިކަލް ކްލަސްޓާސް އިން ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
އެގޮތުން ޖޫންމަހު އިލެކްޓްރޯނިކް ކްލަސްޓަރގެ އުފެއްދުންތައް 26.2 އިންސައްތައަށް ވަނީ އިތުރުވެފައެވެ. މިއާއި ޚިލާފަށް މެއި މަހު މި ކްލަސްޓަރގެ އުފެއްދުންތައް އިތުރުވެފައިވަނީ 23.6 އިންސައްތައަށެވެ.
މީގެއިތުރުން 5 ޖީ ބާޒާރާއި ކްލައުޑް ޚިދުމަތުގެ ޑިމާންޑް އުފުލުމާއިއެކު ސެމީކޮންޑަކްޓަރ ސެގްމެންޓްގެ އުފެއްދުންތައްވަނީ 28.2 އިންސައްތައަށް އިތުރުވެފައެވެ. ބަޔޯމެޑިކަލް އުފައްދާ ކްލަސްޓަރގެ އުފެއްދުންތައް މިދިޔަ މެއި މަހު 36.5 އިންސައްތައިގައި ހުރި އިރު މި ޢަދަދު ޖޫންމަހު ވަނީ 42.5 އިންސައްތައަށް އިތުރުވެފައެވެ.
އަދި ފާމަސޫޓިކަލް ސެގްމެންޓްގެ އުފެއްދުންތައް 45.2 އިންސައްތައަށް އިތުރުވެފައިވާއިރު މެޑިކަލް ޑިވައިސްއަށް އޮތް ބޭރުގެ ޑިމާންޑް އުފުލި މެޑިކަލް ޓެކްނޮލޮޖީ ސެގްމެންޓްގެ އުފެއްދުންތައްވެސް ވަނީ 37.5 އިންސައްތައަށް އިތުރުވެފައެވެ.
އަދި ކެމިކަލް ކްލަސްޓަރގެ އުފެއްދުންތައް މެއި މަހު 16.1 އިންސައްތައިގައި ހުރިއިރު ޖޫން މަހު މި ޢަދަދު ވަނީ ގާތްގަޑަކަށް ދެގުނަ އިތުރުވެ 30.6 އިންސައްތައަށް އަރާފައެވެ. ނަމަވެސް ބައެއް ކްލަސްޓަރތައް ކަމަށްވާ ޓްރާންސްޕޯޓް އިންޖިނިއަރިންގ އާއި ޖެނެރަލް މެނިފެކްޗަރިން އިންޑަސްޓްރީ ކްލަސްޓަރގެ އުފެއްދުންތައްވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ.
އެގޮތުން ޓްރާންސްޕޯޓް އިންޖިނިއަރިންގެ އުފެއްދުންތައް މެއި މަހު 45.9 އިންސައްތައިގައި ހުރިއިރު މި ޢަދަދު ޖޫން މަހު ވަނީ 28.3 އިންސައްތައަށް ދަށްވެފައެވެ.
ޖެނެރަލް މެނިފެކްޗަރިންގެ އިންޑަސްޓްރީ ކްލަސްޓަރގެ އުފެއްދުންތައް ޖޫންމަހު އިތުރުވީ 17.4 އިންސައްތައަށެވެ. ނަމަވެސް މެއި މަހު މިކްލަސްޓަރގެ އުފެއްދުންތައް ވަނީ 25 އިންސައްތައަށް އިތުރުވެފައެވެ.