ދުނިޔޭގެ ވިޔަފާރި

އިންޓްރެސްޓް ރޭޓް މަތިކުރި އެންމެ ފުރަތަމަ އޭޝިއާގެ ބޮޑު ޤައުމަކަށް ދެކުނު ކޮރެއާ


ކޯވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން އިންޓްރެސްޓް ރޭޓް މަތިކުރި އޭޝިއާގެ ފުރަތަމަ ބޮޑު ޤައުމަކަށް ދެކުނު ކޮރެއާ ވެއްޖެއެވެ. ބޭންކް އޮފް ކޮރެއާއިން ވަނީ އެ ބޭންކުގެ އިންޓްރެސްޓް ރޭޓް 0.5 އިންސައްތައިން 0.75 އިންސައްތައަށް އިތުރުކޮށްފައެވެ.

މި ނިންމުން ނިންމާފައި މިވަނީ ވޭތުވެދިޔަ މަސްތަކުގައި އިތުރުވެފައިވާ ދަރަންޏާއި ތަކެތީގެ އަގުތަކަށް ހެޔޮބަދަލެއް ގެނައުމަށެވެ. ތިން އަހަރަށްފަހު ބޭންކު އޮފް ކޮރެއާއިން އިންޓްރެސްޓް ރޭޓް މަތިކުރި މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.

އޭޝިއާގެ 4 ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ދެކުނު ކޮރެއާއިން ދަނީ އިންޓްރެސްޓް ރޭޓް މަތިކުރާނެ ކަމުގެ އިޝާރާތް މިދިޔަ މެއި މަހުން ފެށިގެން ކުރަމުންނެވެ. ނަމަވެސް މި ނިންމުން ލަސްވެގެން ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދެކުނު ކޮރެއާގެ ވަކި ބައެއް މިދިޔަ މަހު ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އިންޓްރެސްޓް ރޭޓް މަތިކޮށްފައިވާ ގިނަ ޤައުމުތަކުގެ އިޤްތިޞާދު އަހަރުގެ މިހާތަނަށް އައިއިރު އާރާސްތުވެފައިވާއިރު ތަކެއްޗާއި ޚިދުމަތަށް އޮތް ޑިމާންޑް ރަނގަޅުވަމުންދިއުމާއެކު އިންފްލޭޝަންވެސް ވަނީ ހަމަޔަކަށް އެޅިފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު ކުޑަކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން ނިއުޒިލޭންޑުގެ އިންޓްރެސްޓް ރޭޓް މިދިޔަ ހަފްތާ މަތިކުރާނެކަމަށް ލަފާކުރެވުނު ނަމަވެސް އޭގެކުރިން އެ ޤައުމު ވަނީ ފުރަބަންދަކަށް ގޮސްފައެވެ. ރިޒާރވް ބޭންކް އޮފް އިންގްލޭންޑުން ވަނީ 0.25 އިންސައްތައަށް އިންޓްރެސްޓް ރޭޓް ކުޑަކޮށްފައެވެ.