އޮފީސްތަކުގެ ބަދަލުގައި ގޭގައި މަސައްކަތް ކުރަން ފެށުމުގެ ސަބަބުން ލެޕްޓޮޕް، ޑެސްކްޓޮޕް އަދި ކްލައުޑް ޚިދުމަތަށް އޮތް ޑިމާންޑް އުފުލުމާއިއެކު އެމެރިކާގެ މަލްޓިނޭޝަނަލް ކޮމްޕިޔުޓަރ ޓެކްނޮލޮޖީ ކުންފުނި ޑެލްގެ އާމްދަނީ އަހަރުގެ ދެވަނަ ކުއާޓަރުގައި ލަފާކުރިވަރަށްވުރެ އިތުރުވެއްޖެއެވެ.
މިގޮތުން ކުންފުނީގެ ޖުމްލަ ޢާމްދަނީ %15އަށް އިތުރުވެ ޢާމްދަނީގެ ގޮތުގައި 26.12 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ނަމަވެސް މާހިރުން ލަފާކޮށްފައިވަނީ ކުންފުނީގެ ޢާމްދަނީ އިތުރުވާނީ 25.53 ބިލިއަން އެމެރިކާ ޑޮލަރަށް ކަމަށެވެ.
މީގެއިތުރުން ޑެލްގެ ކްލަޔަންޓް ސޮލިޔުޝަން ޔުނިޓްގެ ޢާމްދަނީ %27އަށް އިތުރުވެ ޢާމްދަނީގެ ގޮތުގައި 14.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. އަދި ކްލައުޑް ކޮމްޕިޔުޓިންގ ޔުނިޓްގެ އާމްދަނީ ވަނީ %8އަށް އިތުރުވެފައެވެ.
ކޯވިޑްގެ ބަލިމަޑުކަމަށްފަހު ގިނަ ވިޔަފާރިތައް ހުޅުވާލާއި އިޤްޠިޞާދީ ޙަރަކާތްތައް ފެށުމާއިއެކު ކޮމްޕިޔުޓަރު ބޭނުންކުރާ މީހުން މަދުވިއެވެ. ނަމަވެސް އަނެއްކާވެސް ބަލިމަޑުކަން ފެތުރެމުންދާތީ ތަންތަން ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފެށުމުން ކޮމްޕިޔުޓަރާއި ލެޕްޓޮޕްފަދަ ތަކެއްޗަށް އޮތް ޑިމާންޑް ވަނީ އުފުލެން ފަށާފައެވެ.
މިއާއިއެކު އިންޓަރނޭޝަނަލް ޑާޓާ ކޯޕްގެ ހިސާބުތަކުން ދައްކާގޮތުގައި އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޕާރސަނަލް ކޮމްޕިޔުޓަރުގެ ޝިޕްމަންޓްތައްވަނީ %13އަށް އިތުރުވެފައެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މި ކުރިއެރުން އަންނަ ދުވެލި މާލަސް ކަމުގައިވެސް ހިސާބުތަކުން ދައްކައެވެ.