ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޮސްޓްރޭލިއާގެ ކްވަންތަސް އެއަރލައިނަށް އަހަރު ނިމޭއިރު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.
އެއަރލައިންގެ ސީއީއޯ އެލެން ޖޯއިސް ވަނީ މިހެން ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ ޓެކްސް ހިމަނައިގެން ޖޫން މަހުގެ ނިޔަލަށް ކުންފުންޏަށް 1.83 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކުންފުނިން އިޢުލާނު ކުރުމާއި ގުޅިގެންނެވެ.
އެލެން އިތުރަށް ވިދާޅުވީ މި ގެއްލުން ކުންފުންޏަށް ލިބިފައިމިވަނީ ބައިނަލްއަޤުވާމީ ބޯޑަރުތައް މުޅި އަހަރު އެއްކޮށް ބަންދުކޮށްފައި އޮތުމާއި ގިނަ ދުވަސްތަކަކަށް އެތެރޭގެ އުދުންތަކުގައިވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާވުމުގެ ސަބަބުންނެވެ.
ނަމަވެސް ޑިސެމްބަރުމަހުގެ ބަންދަށް ބައިނަލްއަޤުވާމީ ދަތުރުތައް އަލުން ހުޅުވާލާނެކަމަށް އުންމީދުކުރައްވާ ކަމަށް ކްވަންތަސްއިން ބުނެއެވެ. އަދި ކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް، އޮސްޓްރޭލިއާގެ ވެކްސިން ފުރިހަމަ ކުރަންޖެހޭ އާބާދީގެ %80 މީހުންނަށް މިހާރު ވެކްސިން ޖަހާފައިވާތީ ޑިސެމްބަރުން ފެށިގެން ބައިނަލްއަޤުވާމީ ބައެއް ދަތުރުތައް ފެށޭވަރު ވާނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރާކަމަށް އެއަރލައިނުން ބުނެއެވެ.
މީގެއިތުރުން ލޮސް އެންޖަލިސް އާއި ލަންޑަނަށް ކުރާ ދަތުރުތަކުގެ ޑިމާންޑް އުފުލެމުންދާތީ އެއަރލައިންގެ A-380 ސުޕަރ ޖަމްބޯސް އަންނަ އަހަރު މެދުތެރޭގައި އަލުން ޚިދުމަތަށް ގެނައުމަށްވެސް ކްވަންތަސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެއަރލައިންގެ ކޯވިޑް ރިކަވަރީ ޕްލޭންގެ ދަށުން 9400 މުވައްޒަފުން ވަނީ ކުންފުންޏާ ވަކިވެފައެވެ. އަދި ގާތްގަޑަކަށް 6000 މުވަޒަފުން ތިބީ އޮސްޓްރޭލިއާގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކޮށެވެ. އަދި މިއަހަރު ކުރީކޮޅު ސިޑްނީ ފުރަންބަންދު ކުރުމާއިގުޅިގެން 2500 މުވައްޒަފުންވެސް އެ މުއްދަތުގައި ތިބީ އޮފް ޑިއުޓީގައެވެ.
އެއަރލައިނުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށްވެސް މިދިޔަ ހަފްތާ ވަނީ މުވައްޒަފުންނަށް އަންގާފައެވެ. މިގޮތުން ފޮރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންކަމުގައިވާ ޕައިލެޓުން، ކެބިން ކްރޫއިން އަދި އެއަރޕޯރޓްގައި މަސައްކަތްކުރާ މުވައްޒަފުންވެސް އަންނަ ނޮވެމްބަރުމަސް ދެބައި ވާންވާއިރަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަންޖެހޭނެކަމަށެވެ. މީގެއިތުރުން އެހެން މުވައްޒަފުންވެސް އަންނަ އަހަރުގެ މާރޗްމަސް ނިމެންވާއިރަށް ވެކްސިން ދެ ޑޯޒް ފުރިހަމަކުރަން ވަނީ އަންގާފައެވެ.