ދުނިޔޭގެ ވިޔަފާރި

އޮސްޓްރޭލިއާގެ ރީޓެއިލް ވިޔަފާރި ދަށްވެއްޖެ


ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓާހެދި އޮސްޓްރޭލިއާގެ އެންމެބޮޑު ސިޓީގެ ފިހާރަތަކާއި ޚިދުމަތްދޭ ތަންތަން ބަންދުކުރަން ޖެހުމުގެ ސަބަބުން އެ ޤައުމުގެ ރީޓެއިލް ވިޔަފާރި ދަށްވެއްޖެއެވެ.

އެގޮތުން އޮސްޓްރޭލިއަން ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު އޮސްޓްރޭލިއާގެ ރީޓެއިލް ވިޔަފާރިވަނީ 21.55 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އަދި ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި ޢަދަދު 1.8 ބިލިއަނަށް މީގެކުރިންވެސް ވަނީ ދަށްވެފައެވެ. މެލްބަންއާއި ކެންބެރާ ވެސް މިމަހު ފުރަބަންދަކަށް ދާނެކަމަށް ލަފާކުރާއިރު މީކަމުގެ ސަބަބުން ވިޔަފާރި އިތުރަށް ދަށްވެދާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިއާއިއެކު ނިއު ސައުތު ވޭލްސްގެ ވިޔަފާރިވެސް ގާތްގަޑަކަށް %9އަށް ޖުލައި މަހު ވަނީ ދަށްވެފައެވެ. އަދި ވިކްޓޯރިއާގެ ވިޔަފާރިވެސް ހަމަ މިންވަރަށް އޯގަސްޓްމަހު ދަށްވާނެކަމަށް ވަނީ ބެލެވިފައެވެ. ޚަރަދުކުރާ މިންވަރަށާއި ވަޒީފާތަކަށް އަދި މަސައްކަތް ކުރާ ގަޑިތަކަށް ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމާއެކު މި ކުއާޓަރ ނިމޭއިރު އޮސްޓްރޭލިއާގެ އިޤްޠިޞާދު ހީނާރުވެގެންދާނެއެވެ.

އޮސްޓްރޭލިއަން އިކޮނޮމިކްސްގެ އިސްވެރިޔާ ގެރެތް އެއާޑް ވިދާޅުވިގޮތުގައި ފުރަބަންދުގެ ސަބަބުން ގާތްގަޑަކަށް 550000 މަސައްކަތު މީހުންނަށް ވަނީ އެއްވެސް ކަމެއް ނުކޮށް ތިބެން ޖެހިފައެވެ. އަދި ތިންވަނަ ކުއާޓަރުގައި އޮސްޓްރޭލިއާގެ ޖީޑީޕީވެސް ދަށްވާނެކަމަށް ލަފާކުރައްވާ ކަމަށް ގެރެތް ވިދާޅުވިއެވެ.

މީގެއިތުރުން ބަލިމަޑުކަމުން ސަލާމަތްވުމަށް އޮސްޓްރޭލިއާގައި ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް %32އަށް އަރާފައިވާއިރު %55 މީހުންވަނީ އެއް ޑޯޒް ފުރިހަމަކޮށްފައެވެ. މިއާއިއެކު %70 މީހުން ވެކްސިން ފުރިހަމަކުރުމުން އޮސްޓްރޭލިއާގެ އިޤްޠިޞާދީ ހަރަކާތްތައް ހުޅުވާލަން އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ނިންމަވާފައެވެ. އަދި މި ނިސްބަތް %80 އަށް އެރުމުން ފުރަބަންދު އުވާލުމަށްވެސް ބޮޑުވަޒީރު ވަނީ ނިންމަވާފައެވެ.