ދުނިޔޭގެ ވިޔަފާރި

އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރުމުގެ މަސައްކަތް އަލުން ފަށަނީ


އިންޑިއާގައި ވެކްސިން ޖަހާ މީހުންނާއި ވެކްސިން އުފައްދާ މީހުން އިތުރުވުމުގެ ސަބަބުން އެޤައުމުން ވެކްސިން އެކްސްޕޯޓްކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ ޤައުމަށް 66 މިލިއަން ޑޯޒް ވިއްކުމަށްފަހު ބަލިމަޑުކަން އިންޑިއާގައި މާބޮޑަށް ފެތުރެން ފެށުމުން އޭޕްރީލްމަހުގެ މެދުތެރޭގައި އެ ޤައުމުން ވަނީ ވެކްސިން އެކްސްޕޯޓްކުރުން މަޑުޖައްސާލައި، އިންޑިއާއަށް ބޭނުންވާ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

އިންޑިއާގައި ވެކްސިން އުފައްދާ ކުންފުނިތައް އިތުރުވަމުންދާއިރު ކަޑިލާ ހެލްތު ކެއަރއިން އުފައްދާފައިވާ ވެކްސިނަށް ދާދިފަހުން ވަނީ ހުއްދަ ދީފައެވެ. އަދި ރަޝިއާގެ ސްޕަޓްނިކް ވީ ކުންފުނިންވެސް ވަނީ އިންޑިއާގައި ވެކްސިން އުފައްދަން ފަށާފައެވެ.

ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ ކުންފުނި ސީރަމް އިންސްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އެސްޓްރާޒެނެކާ ވެކްސިންގެ 150 މިލިއަން ޑޯޒް ކޮންމެ މަހަކު މިހާރު ދަނީ އުފައްދަމުންނެވެ. މިއީ އޭޕްރީލް މަހު އެ ކުންފުނިން އުފައްދާފައިވާ 65 މިލިއަން ޑޯޒަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ. އެ ކުންފުނީގެ އޮފިޝަލަކު ބުނިގޮތުގައި ވެކްސިން އެކްސްޕޯޓްކުރާނެ ވަކި ތާރީޚެއް އަދި ނޭނގުނުނަމަވެސް ވަރަށް އަވަހަށް ވެކްސިން އެކްސްޕޯޓްކުރަން ފަށާނެއެވެ.

އިންޑިއާގެ އެތެރޭގައި ބޭނުންކުރުމަށް އެންމެ ފުރަތަމަ ވެކްސިނެއް އުފެއްދި ބާރަތް ބަޔޯޓެކުންވެސް ވަނީ ކޮންމެ މަހަކު 10 މިލިއަން ޑޯޒު އުފެއްދޭވަރުގެ އައު ކާރުޚާނާއެއް އާދީއްތަ ދުވަހު އިންޑިއާގައި ވަނީ ހުޅުވާފައެވެ. މިއާއިއެކު އިންޑިއާގައި ދުވާލަކަށް ވެކްސިންދޭ ޑޯޒްގެ ޢަދަދު ހުކުރު ދުވަހު ވަނީ 10 މިލިއަނަށް އަރާފައެވެ. ނަމަވެސް ވެކްސިން ބޭރުކުރުމާއި ބެހޭގޮތުން ވާހަކަތައް ދައްކާ ދެ ވުޒާރާކަމަށްވާ އިންޑިއާގެ ސިއްޚަތާބެހޭ ވުޒާރާ އަދި ޚާރިޖީ ވުޒާރައިންވެސް މިކަމާއި ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މީގެއިތުރުން އޭޕްރީލް މަހާއި މެއި މަހު ބަލިމަޑުކަން ބޮޑަށް ފެތުރެން ފެށުމުގެ ސަބަބުން ކޭސްތަކުގެ ޢަދަދު އިންޑިއާގައި އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. އިމަރޖެންސީ ހާލަތްތަކުގައި މިހާތަނަށް 6 ވެކްސިނެއް ބޭނުންކުރުމަށް އިންޑިއާއިން ހުއްދަ ދީފައިވާއިރު އޭގެތެރެއިން 4 ވެކްސިނެއް އުފައްދަނީ އިންޑިއާގައެވެ. އަދި އިތުރު ވެކްސިނަކަށް ވަރަށް އަވަހަށް ހުއްދަ ދޭން ތައްޔާރުވާއިރު ޓްރަޔަލް މަރުހަލާގައި އަދިވެސް އިތުރު ވެކްސިންތައް އެބަހުރިކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.