ޚަބަރު

އިންސާފު ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ބަލައިނުގަނެވޭނެ - ޢަދާލަތު


ރާއްޖޭގެ ޝަރުޢީ ދާއިރާއިން އަދުލުވެރިކަމާއެކު، އިންސާފު ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައި ޤާޟީންގެ އަގު ވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އަގުވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކޮށް، ޢަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅިވީ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް، ސަރުކާރުގެ ނުފޫޒެއްނެތި ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލައި ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ޢަދާލަތު ޕާޓީން ކުށްވެރި ކުރާކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމަޢެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށްވެސް އެޕާޓީން ވިދާޅުވެފައިވެއެވެ.

ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް އެއްވެސް، ހަމައެއްލަމައެއް ނެތި، ހާމަކަން ބޮޑުގޮތެއްގައި ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓާއި އެންމެހާ ޝަރުޢީ ކޯޓުތައް ހިމެނޭހެން ޝަރުޢީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ޤާނޫނު ހަދާ މަޖިލީހާއި ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލުވާލައި ތަކުރާރުކޮށް ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް ޢަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށް އެޕާޓީން ވިދާޅުވެއެވެ.