ޚަބަރު

ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހަވީރު 3:35ހާއިރު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވީޑް ޖެހިގެން ރާއްޖޭގައި ނިޔާވި 227 ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 208ދިވެހިންނާ، 19 ބިދޭސީންނެވެ.

ކޯވިޑް ޖެހިގެން އެންމެ ފަހުން ރާއްޖެއިން ނިޔާވީ ގދ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. އެމީ ނިޔާވީ މިދިޔަ މަހުގެ 28ވަނަ ދުވަހުގައެވެ.

ރާއްޖޭގައި ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވީ މިއަހަރުގެ މެއި މަހުއެވެ. މެއި މަހު 80 އަށްވުރެ ގިނަ މީހުން ކޯވިޑް ޖެހިގެން ނިޔާވިއެވެ. ރާއްޖޭގައި އަނެއްކާވެސް ކޯވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރު ރާއްޖެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 81000އިން މައްޗަށް އަރާފައެވެ.