ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން އަނިޔާކުރާކަމަށްބުނެ ބައެއް އާއްމުން ފިޔަވަތި ކައިރިއަށް އެއްވާ ވީޑިއޯއެއް އަންގާރަދުވަހުގެ ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރުވުމާގުޅިގެންނެވެ. އެ ސަރވިސްއިން ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު ވަގުތުން އެޓެންޑްކުރަން ފަށާފައިވާކަމަށެވެ. އަދި މި ޙާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައިނުވާކަން އެ ސަރވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި އެކި ބާވަތުގެ އަނިޔާ ލިބުމުގެ ސަބަބުން އެ ކަންކަމުގެ އަސަރު އެކުދިންގެ މުޅި ދިރިއުޅުމަށް ދެމިގެންދާފަދަ ކަންކަން ތަޙައްމަލުކުރަމުންދާ ކުދިންކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވިދާޅުވެފައިވެއެވެ. އަދި އެހެން ކުދިންނެކޭވެސް އެއްފަދައިން މި ކަންކަމަކީ އެކުދިންގެ ނަފްސާނީ ސިއްޙަތާއި ގުޅިފައިވާ ކަންކަމަށްވީހިނދު، އެކުދިންގެ އިޙްސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް މަސައްކަތްކުރާނެކަންވެސް އެ ސަރވިސްއިން ވަނީ ފާހަގަކުރައްވާފައެވެ.
ރައްކާތެރކަން ބޭނުންވެފައިވާ އެންމެހާ ކުދިންނަށް އެފަދަ މާހައުލެއް ޤާއިމުކޮށްދިނުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ. އަދި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަމަށްވީހިނދު، މިދަނޑިވަޅުގައި ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނާނެފަދަ ކަންކަމުން ދުރުހެލިވުމަށްވެސް އެ ސަރވިސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.