ދުބާއީގައި ބާއްވާ "އެކްސްޕޯ 2020"ގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ފުރުޞަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ.
ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ "ވޯލްޑް އެކްސްޕޯ" މިފަހަރު ހޮސްޓްކުރަނީ ޔުނައިޓަޑް އަރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.
މި އެކްސްޕޯގައި ފަންނުވެރި ހަރަކާތްތަށް ހުށަހަޅައި ދިނުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގުޅިގެން ދިވެހި ފަންނުވެރިންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ޚަރަދާއި، ހުރުމާއި، ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕަރފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ ދޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ ނިންމަވާފައެވެ.
ދިވެހި ފަންނާނުންނަށް މި އެކްސްޕޯގެ ތެރެއިން ބައިވެރިވުމަށް 3 ދާއިރާއަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
އެއީ ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)، ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭގޮތަށް "ފިޔުޝަން މިޔުޒިކް"، އަދި ކުރެހުންތެރިންގެ ދާއިރާއެވެ. މި ދާއިރާތަކުން އެކްސްޕޯގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) ނުވަތަ ޕޯޓުފޯލިއޯ ހުށަހެޅުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް، އެން.ސީ.އޭއިން ވަނީ ހުޅުވާލާފައެވެ.
އެކްސްޕޯގައި ބައިވެރިވާނެ ޕަރފޯމިންގ އާޓިސްޓުން އިވެލުއޭޓްކުރުމުގައި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރަށާއި، ހުށަހެޅުންތެރިކަމާއި ހުށަހެޅުމުގެ ފެންވަރާއި، ޕޯޓުފޯލިއޯއަށް ބަލާނެކަމަށް އެން.ސީ.އޭއިން ވިދާޅުވެއެވެ. އަދި ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ދިވެހި ސަގާފަތާއި، ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރަށާއި، ކުރެހުމުގެ ފެންވަރުގެ އިތުރުން މަސައްކަތުގެ ތަޖުރިބާއަށް ބަލާނެކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ.
6 މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ އޮންނާނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ މަޤުބޫލު އެއް އެކްސްޕޯއެވެ. މި އެކްސްޕޯގެ ތެރެއިން، ޓެކްނޮލޮޖީ، މުނިފޫހިފިލުވުން، ފަންނުވެރިކަމާއި ސަގާފަތް، ކެއުންބުއިމާއި، ތަޢުލީމާއި، އާކިޓެކްޗަރގެ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.