ޚަބަރު

ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ނިޔާވެއްޖެ


ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ، އުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ކަމަށެވެ.

އޭނާ ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް ރޭ 20:23 ގައި މައުލޫމާތު ދީފައިވާކަމަށެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމަށް ކަރެކްޝަނުން ބުނެއެވެ.

އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.