ޑިމޮކްރަސީ ނެގެހެއްޓުމުގައި މިނިވަންކަމާއި ހަމަހަމަކަން އެންމެންގެ މެދުގައި ދެމެހެއްޓުމަށްޓަކައި މުއައްސަސާތައް ރަނގަޅަށް މަސައްކަތްތައް ކުރަންޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށާއި އިލެކްޝަންސް ކޮމިޝަންސްގެ ކުރިއަށް އޮތް 5 އަހަރުދުވަހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހކަފުޅުދައްކަވަމުން ނައިބްރައީސް ވަނީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވަނީ ރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް ވާޞީލްވުމަށްޓަކައި ގިނަ ބަޔަކު ގިނަ ޤުރުބާނީތަކެއް ވެފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން 2008ވަނަ އަހަރު ލިބިގެންދިޔަ އައު ޤަނޫނު އަސާސީން ޒަމާނީ ޑިމޮކްރަސީއަކަށް މަގުފަހި ކޮށްދިންކަން ފާހަގަކުރެއްވިއެވެ. އަދި މި ޤާނުން ލިބިގެންދިޔަ އެންމެމުހިއްމު ހައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވޯޓުލުމުގެ ޙައްގުކަމަށް ނައިބްރައީސް ވިދާޅުވިއެވެ. އަދި ދެފުށް ފެންނަ އިންތިޚާބުތަކެއް ބާއްވާއިރުވެސް ޑިމޮކްރަސީ ނެގެހެއްޓުމުގައި މިނިވަންކަމާއި ހަމަހަމަކަން ކަށަވަރު ކުރަން ޖެހޭކަމަށް އެމަނކުފާނުވަނީ ވިދާޅުވެފައެވެ.
އެއްވެސް މީހެއްގެ ހައްގު ގެއްލގެން ނުދާނެފަދަކޮށްތަކަށް ކަންކަން ތަރުތީބު ކުރަންޖެހޭކަމަށާ، ޑިމްކްރަސީގެ ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުންކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭގޮތަށްކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
" ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ބަސް އަހަން ޖެހޭ. ކޮންމެކަމެއްގައިވެސް ހަމަހަމަކަން ގެންގުޅެންޖެހޭ. އަންހެން ބޭފުޅުންނަށް ސިޔަސީ މައިދާނުގައި ދުވަހުން ދުވަހަށް އިތުރުކުރަން ޖެހޭ."ނައިބްރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިވަގުތު ކޯވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް ދުނިޔެ ހަނގުރާމަކުރަމުންދާކަން ފާހަގަކުރައްވައި އެންމެ އަތުގުޅައިލައިގެން މަސައްކަތް ކުރުމަށް ގޮވާލައްފާއެވެ.
މި ރަސްމިއްޔާތުގައި ނައިބްރައީސް ވަނީ އދ.ގެ 76ވަނަ ދައުރުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞަލިހްގެ ގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔެ މިއަދު ރާއްޖެ ބަލައިގެންފައިވާ މިންވަރާއި ޤައުމު ކިތައްމެ ކުޑަނަމަވެސް އަޅުގަނޑުމެންގެ އަޑު މުޅި ދުނިޔޭގައި ހުރި މިންވަރު ހާމަވެގެން ދިޔަކަން ނައިބްރާއީސް ފަހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއިީ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ރާއްޖެއަކީ މުހިއްމު ޤައުމެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއްކަމަށެވެ.