ޚަބަރު

އީސީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްފި


އިލެކްޝަންސް ކޮމިޝަންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތައް އެކުލެވޭ އެ ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ. މި ޕްލޭން އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބްރައީސް ފައިޞަލް ނަޞީމްއެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރިއައް އޮތް 5 އަހަރުދުވަހުގެ ސްޓްރެޓެޖިކް ޕްލޭންއަކީ ކޮމިޝަންގެ އިސްތިރާޖީ އެޖެންޑާއާއި ކޮމިޝަންގެ ތަސައްވުރަށް ވާޞިލްވުމަށްޓަކައި ގެނަން ކަނޑައަޅާފައި ބަދަލުތަކާއި ޙާސިލްކުރަން ބޭނުންވާ ނަތީޖާ ތަކުގެ މަގުޗާޓު އެކުލަވާލާފައިވާ ޕްލޭންއެކެވެ. މި މަގު ޗާޓުގައި ޚިދުމަތްތައް މިހާރުގެ ޓެކްނޮލަޖީގެ ވަޞީލްތަކާއެކު ފަސޭހަ އަދި އަވަސް ނިޒާމަކުން ދިނުމަށް ވަނީ ރާވާފައެވެ.

މި ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ ކުރީގެ ތަޖުރިބާގެ އަލީގައި އެއް އިންތިޚާބަށް ފަހު އަނެއް އިންތިޚާބެއްގެ ވޯޓުލުމުގެ ނިޒާމަށް އެކަށޭނެ ބަދަލު އަންނަމުން ދާކަމަށެވެ. އިންތިޚާބުތަކުގެ މަސައްކަތްތަކަކީ ބުރަ، ބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ފުވާދުވަނީ ރައްޔިތުންގެ ނިންމާ ނިންމުންތައް އަމާނާތްތެރިކަމާއެކު އެ ކޮމިޝަނުން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

"އިންތިޚާބުތަކުގެ މަސައްކަތްތަކަކީ ބުރަ ފާޑުކިޔުންތައް ބޮޑު މަސައްކަތްތައްކެއް. އިންތިޚާބުގައި ކާމިޔާބުވާ ފާރާތްތަކާއި ނާކާމިޔާބު ކުރިމަތިލާންޖެހޭ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވޭ. ނަމަވެސް ކޮމިޝަންގެ މަސައްކަތަކީ ރައްޔިތުން ނިންމާ ނިންމުން، އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުން." އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވިއެވެ.

ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއޔާތުގައި ވަނީ އެ ކޮމިޝަންގެ ތަފާސްހިސާބުތައް ފެންނަ ޕޯޓަލްއެއްވެސް އިފްތިތާހްކޮށްފައެވެ. މިގޮތުން www.data.elections.gov.mv މި ޕޯޓަލްއިން މި ތަފާސްހިސާބުތައް ފެންނަން ހުންނާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވަނީ އިލްކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި މީހުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައެވެ.