ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލެވޭނެ މީހުންގެ ދާއިމީ ލިސްޓު އިޢުލާން ކޮށްފައިވަނީ މިމަހުގެ 11ވަނަ ދުވަހު ޢާންމުކުރި ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.

މިލިސްޓު ފައިނަލްކުރުމުގައި މައިގަނޑު 3 ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތްކުރެވިފައިވާ ވާހަކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް މީހުންގެ ނަން އުނިވެފައިވާ ކެޓެގެރީ އަށާއި، އެމްޑީޕީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގެ އިތުރުން އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ ފަރާތްތަކުގެ ކެޓެގެރީ ހިމެނެއެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހައްޓާނެއެވެ. މިއިންތިޚާބުގައި 900 އެއްހައި އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާ، އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށް އެމްޑީޕީން ބުނެއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފައެވެ. އެމްޑީޕީގެ އިންތިޚާބާބެހޭ ޤަވާއިދު ބުނާގޮތުން ޤައުމީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާތަކަށް ހޮވަންޖެހޭ ޢަދަދަށް ކުރިމަތިލައިފިނަމަ އެކެނޑިޑޭޓަކު ވޯޓަކާއި ނުލައި އިންތިޚާބުވާނެއެވެ.