ޚަބަރު

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައިފި


ސިމެންތި ބަރުކޮށްގެން ކ.މާލެ އިން ފުރައިގެން ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ 35 ފޫޓުގެ މި ކޮޅުވެއްޓި ބަންޑުން ޖަހާލިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 2:45 ހާއިރުކަމަށެވެ. މި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ.މާފިލާފުށި ކައިރިންކަމަށާއި އަދި މިއަދު ހެނދުނު 6:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މާލެއިން ޅ.މާބިންހުރާއަށް 2 ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ މި ކޮޅުވެއްޓީގައި  ތިބީ ބަންގްލަދޭޝްގެ 3 ފަޅުވެރިންނާއި ދިވެއްސެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.