ޚަބަރު

އިދާރާތަކަށް އޮންލައިން މެސެޖުން ކަންކަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ޢާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާޞަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި އޮންލައިން ޕްލެޓްފޯމް "ގަވް ޑޮޓް އެމްވީ" މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައްވައިފިއެވެ.

މިޕޯޓަލްއަކީ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ޤާއިމުކޮށްފައިވާ ޕޯޓަލްއެކެވެ. މިޕޯޓަލް މިމަހުގެ 14ވަނަ ދުވަހު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިރުޝާދުގެ ދަށުން މި ގޮތަށް ހަމަޖެއްސެވުމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "ގަވް ޑޮޓް އެމްވީ" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަންވާނެގޮތް ތަފްޞީލްކޮށްދެއްވާފައެވެ. އަދި މި ޚިދުމަތް ފެށުމާއެކު، މި ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމަށް އަމިއްލަ ފަރާތްތަކަށް ބާރުއެޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

މިއަދު އާންމުކޮށް ހުޅުވައިލެއްވި "ގަވް ޑޮޓް އެމްވީ"ގެ ޚިދުމަތް ފެށުމާ ހަމައަށް ސަރުކާރުގެ އިދާރާތަކަށް އަމިއްލަ މީހުންގެ ފަރާތުން ލިބިފައިވާ ސިޓީތަކާއި އީމެއިލްތަކާމެދުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތަށް ކަމުގައިވެސް އެ ދެންނެވުމުގައިވެއެވެ.

"ގަވް ޑޮޓް އެމްވީ" މެސެޖު ފޮނުވުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސަރުކާރުން ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފުކުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެފައިވަނީ އިލެކްޓްރޯނިކްކޮށް ކުރާ މުޢާމަލާތްތަކާއި ކަރުދާހުގައި ކުރާ މުޢާމަލާތް ހަމަހަމަކޮށް އިލެކްޓްރޯނިކް ސޮޔާއި އިލެކްޓްރޯނިކް ކޮންޓްރެކްޓްތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލެއް ފަރުމާކުރަމުންދާކަމަށާއި، ސައިބަރ ކްރައިމާއި ސައިބަރ ސެކިއުރިޓީއާގުޅޭ ބިލެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.