ޖަޕާނުގެ މަލްޓިނޭޝަނަލް އޮޓޯމޮބައިލް ކުންފުނި ހޮންޑާއިން 2024ވަނަ އަހަރު ތަޢާރަފްކުރާ ޕްރޮލޯގް ސްޕޯރޓްސް ވެހިކަލްގެ ވިޔަފާރި ފުރަތަމަ އަހަރު 70000އަށް އިތުރުކުރުމަށް އަމާޒުހިފާފައި ވާކަމަށް ހޮންޑާ މޮޓޯ ކުންފުނީގެ އެމެރިކާގައި ހުންނަ ޔުނިޓުން ބުނެފިއެވެ.
މީގެއިތުރުން 2030ވަނަ އަހަރު އިތުރު 500000 ވެހިކަލް އެމެރިކާގައި ވިއްކަން އަމާޒުކޮށްފައިވާތީ ހޮންޑާއިންދަނީ އިތުރު އިލެކްޓްރިކް ވެހިކަލް މޮޑެލްތައް އުފައްދަން ތައްޔާރުވަމުންނެވެ. މިއާއެކު 2040ވަނަ އަހަރު އަންނަވާއިރަށް އުތުރު އެމެރިކާގައި %100 ޒިރޯ އެމިޝަން ވެހިކަލް ވިއްކުމަށްވެސް ހޮންޑާއިންވަނީ ނިންމާފައެވެ.
ހޮންޑާއިން މިގޮތަށް ނިންމާފައިމިވަނީ 2030ގައި އުފައްދާ ޕެސެންޖަރ ވެހިކަލްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ވެހިކަލް ޒިރޯ އެމިޝަން ވެހިކަލްގެ ގޮތުގައި ވިއްކުމަށް އަމާޒު ހިފުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ މަހު ރަސްމީކޮށް ޢަމުރުނެރުއްވާފައިވަނިކޮށެވެ.
ހޮންޑާ ޕްރޮލޯގް އަކީ ހޮންޑާ އަދި ޖެނެރަލް މޮޓޯސް އެކުވެގެން އުފައްދާފައިވާ މޮޑިއުލަރ އަދި ބެޓްރީ ސިސްޓަމްގެ މޮޑެލްއެކެވެ. ހޮންޑާ ޕްރޮލޯންގްގެ އިތުރުން ހޮންޑާ އާއި ޖެނެރަލް މޮޓޯސްއާއެކު އޮކިއުރާ ބްރޭންޑް ސްޕޯރޓްސް ވެހިކަލެއް އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މި ދެއުފެއްދުންވެސް ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ 2024ވަނަ އަހަރުއެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްޞީލެއް ހޮންޑާއިން އަދި ހާމައެއްނުކުރެއެވެ.
މީގެއިތުރުން ހޮންޑާއިން ތަރައްޤީކޮށްފައިވާ އީ އާކިޓެކްޗަރ އަށް ބިނާކޮށް އުފައްދާ އިތުރު އިލެކްޓްރިފައިޑް ވެހިކަލްތަކެއްވެސް 2030ވަނަ އަހަރު ތައާރަފްކުރުމަށް ހޮންޑާއިން ވަނީ ނިންމާފައެވެ.
އެމެރިކަން ހޮންޑާ މޮޓޯގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ޑޭވް ގާރޑްނަރ ވިދާޅުވީ ޕްރޮލޯގް ގެ ވިޔަފާރި ފުޅާކުރުމަށް ފުރަތަމަ އަމާޒުހިފާނީ ކެލިފޯނިއާ، ޓެކްސަސް އަދި ފްލޮރިޑާގައެވެ. މީގެއިތުރުން އެމެރިކާގެ މޮޑެލްތަކަށް ހައިބްރިޑް ސިސްޓަމް އިތުރުކުރުމަށްވެސް ހޮންޑާއިން މަސައްކަތްކުރަމުންދާކަމަށް ޑޭވް ވިދާޅުވިއެވެ.