ކެނެޑާގައި ބޭއްވި ޢާއްމު އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ހޯއްދެވުމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެއްޖެއެވެ.
ކެނެޑާގައި ބޭއްވި ޢާއްމު އިންތިޚާބުގައި އަޣްލަބިއްޔަތު ލިބިވަޑައިނުގަތް ނަމަވެސް ތިންވަނަ ދަޢުރަކަށް އެ ޤައުމުގެ ބޮޑުވަޒީރުކަން ކުރައްވާނީ ޓުރޫޑޯއެވެ. ޤާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވާ ޢުމުރުފުޅުން 49 އަހަރުގެ ޓުރޫޑޯ ނިޞްބަތްވެވަޑައިގަންނަވައި ލިބެރަލް ޕާޓީއެވެ. އެ ޕާޓީއަކީ ފާޢިތުވި 70 އަހަރު ކެނެޑާގައި ވެރިކަންކުރާ ޕާޓީއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ޕާޓީން ވެރިކަންކޮށްފައިވާ އިއްތިޙާދެއް ޤާއިމުކޮށްގެންނެވެ.
2015ވަނަ އަހަރުން ފެށިގެން ކެނެޑާގެ ބޮޑުވަޒީރުކަންކުރައްވައި ޓުރޫޑޯ ވިދާޅުވީ ޤައުމަށް ދިމާވެފައިވާ ކޯވިޑް-19ގެ ކާރިޘާގެ ސަބަބުން ސަރުކާރެއް އެކުލަވާލައި ހިންގުމަށް އިދިކޮޅު މެންބަރުންގެ އެއްބާރުލުން ބޭނުންފުޅުވާކަމަށެވެ. ކެންޕެއިންގެ ދުވަސްވަރުގެ ތެރޭގައި އޭނާވަނީ އެކި ދާއިރާތައް ތަރައްޤީކުރުމަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ޚަރަދުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް ޓުރޫޑޯއާ އިއްތިޙާދުވާނެކަމަށް ބެލެވޭ ނިޔު ޑިމޮކްރެޓިކް ޕާޓީން ޢާއްމުންނާ ގުޅުންހުރި ދާޢިރާތަކަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ފައިސާގެ މިންވަރު އިތުރުކުރުމަށް ބާރުއަޅާނެކަމަށް ޤަބޫލުކުރެވެއެވެ.
ކެނެޑާގައި ބޭއްވި ޢާއްމު އިންތިޚާބުގައި ލިބެރަލް ޕާޓީއަށް ލިބިފައިވަނީ 338 ގޮނޑީގެ ތެރެއިން 155 ގޮނޑިއެވެ، ކެނެޑާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދުމަށް ބޭނުންވަނީ 170 ގޮނޑިއެވެ. އިދިކޮޅު ކޮންސަވޭޓިވް ޕާޓީއަށް ލިބުނީ 122 ގޮނޑިއެވެ. އަދި ނިޔު ޑިމޮކްރެޓިކް ޕާޓީއަށް ލިބުނީ 26 ގޮނޑިއެވެ.