ޚަބަރު

ކޮވެންޓްރީ އަތުން މޮޅުވެ ސިޓީ ތާވަލްގެ އެއްވަނައަށް


  • މިމެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ކޮވެންޓްރީ ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ އުނދަގުލުން އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ސިޓީ އާއި އެންމެ ފަހުން ގުޅުނު ދެކުޅުންތެރިން ކަމަށްވާ އިލިމަން އެންޑިއާޔޭ އާއި އެންޒޯ ފެނާންޑޭޒް ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނެވެ. މިމެޗުގެ ޓީމު ލިސްޓު އިޢުލާން ކުރިއިރު 125 މިލިއަން ޕައުންޑަށް މިފަހަރު ސިޓީ އާއި ގުޅުނު ފެނާންޑޭޒް ބެންޗުން މެޗު ފަށާގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެންމެ ފަހު ވަގުތު ވޯމް އަޕް ކުރުމުގެ ތެރޭގައި ނީކޯ އޯރައިލީއަށް އަނިޔާވެ ފުރަތަމަ އެގާރައިގާ ފެނާންޑޭޒް ހިމަނަން ޖެހުނީއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ބޮޑުބައި ސިޓީއިން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ކޮވެންޓްރީއިންވެސް ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ސިޓީއިން 15 ހަމަލާ އުފެއްދި އިރު ކޮވެންޓްރީއިންވަނީ މިމެޗުގައި 12 ހަމަލާ އުފައްދާފައެވެ. އަދި ސިޓީއިން 800 ޕާސް އެޓެމްޕްޓް ކޮށްފައިވާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ 155 ޕާސް ފުރިހަމަ ކުރި އެލިއޮޓް އެންޑަރސަންއެވެ. މިމެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާނެ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ކޮވެންޓްރީ އަށެވެ. މިގޮތުން އެޓީމުގެ ޓައިވޯ އަވޮނިޔޯއަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން ސިޓީގެ ރަޔަން ޗާކީ ފޮުވާލި ހަމަލާއެއްވަނީ ކޮވެންޓްރީގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.

މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ނުރައްކާތެރި ފޯވަޑް އާލިންގ ހާލަންޑްއެވެ. މިއީ އޭނާ ކްލަބް ފުޓްބޯޅައިގާ ކާމިޔާބު ކުރި 300 ވަނަ ލަނޑެވެ. މިމެޗުގައި މީގެ އިތުރުންވެސް ހާލަންޑަށް ލަނޑު ޖަހާނެ އިތުުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން މިމެޗުގައި ހިފޭގޮތެއް ނުވިއެވެ. އަދި ދެވަނަ ހާފުގައި އޭނާ ބޯޅައެއް ގޯލް ތެރެއަށް ފޮނުވާލި ނަމަވެސް އެލަނޑުވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިލަނޑާއެކު ހާލަންޑް މިވަނީ ޕްރމިއަރ ލީގުގައި އޭނާ މިހާތަނަށް ވާދަކުރި 25 ޓީމުގެ ތެރެއިން 24 ޓީމާއި ދެކޮޅަށް ލަނޑު ޖަހައިފައެވެ. ހާލަންޑަށް މިހާތަނަށް ލަނޑެއް ކާމިޔާބު ނުކުރެވިވަނީ ސަންޑަރލަންޑާއި ދެކޮޅަށެވެ.

މިމެޗުގައި ސިޓީއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ ފަހު 10 ވަރަކަށް މިނެޓް އެޓީމަށް ކޮވެންޓްރީގެ ފަރާތުން ގިނަ އުނދަގޫ ތަކަކާއި ކުރިމަތިވިކަން ފާހަގަ ކޮށްލެވެއެވެ. އަދި މިމެޗުގައި ސިޓީގެ ކީޕަރ ޖިއާންލުއިޖީ ޑޮނަރޫމާވަނީ ކޮވެންޓްރީގެ ނުރައްކާތެރި ދެތިން ހަމަލާ ދިފާއު ކޮށްފައެވެ.

މިކާމިޔާބީ އާއެކު ސިޓީ މިހާރު އުޅެނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބު ކޮށް ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ކޮވެންޓްރީ އުޅެނީ ކުޅުނު ތިން މެޗުގައިވެސް ލަނޑެއް ކާމިޔާބު ނުކުރެވި އަދި ޕޮއިންޓެއްވެސް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވިއިރު ބްރެންޓްފަޑް އާއި ސަންޑަރލަންޑް ބައްދަލުކުރި މެޗުވެސް ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.