ޢާއްމުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ފެށުމުން އިޞްލާޙީ މަގުޗާޓެއް އެ ޤައުމުގެ ރައީސް ޤައީސް ސަޢީދު އިޢުލާންކުރައްވައިފިއެވެ.
ޖުލައި މަހުގެ 25ވަނަ ދުވަހު ތޫނީސިޔާގެ ސަރުކާރާ ދެކޮޅަށް ޢާއްމުން މުޒާހަރާކުރަން ފެށުމުން ސަޢީދުވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމަވައިފައެވެ. އޭގެ ފަހުން އެ ޤައުމުގައި ސަރުކާރެއް އެކުލަވާލާފައެއް ނުވެއެވެ. ސަޢީދުގެ ނިންމެވުމުގެ ސަބަބުން ތޫނީސިޔާގެ ވެރިކަމުގެ ނިޒާމުވަނީ ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ. ތޫނީސުތާގައި ސަރުކާރެއް އެކުލަވާލައި ސިޔާސީ ހަމަޖެހުން ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ސަޢީދަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.
ޢާއްމުންގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އޮތް ސަރުކާރެއް އުވާލެއްވުމުން ޢާއްމުންގެ މެދުގައި ސަޢީދުގެ މަޤްބޫލުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އައު ސަރުކާރެއް އެކުލަވާލެއްވުމުގައި ސަޢީދު ލަސްކުރައްވާކަމަށް ބުނެ ޢާއްމުންވަނީ އޭނާއާ ދެކޮޅަށްވެސް މުޒާހަރާކުރަން ފަށައިފައެވެ. އަދި ޢާއްމުންވަނީ ބަޣާވާތުގެ ތުޙްމަތުވެސް ސަޢީދުގެ މައްޗަށް ކޮށްފައެވެ.
2019ވަނަ އަހަރުގެ ތެރޭގައި ތޫނީސިޔާގެ ރައީސްގެ މަޤާމާ ޙަވާޅުވެވަޑައިގަތް ސަޢީދު އިޢުލާންކުރެއްވި އިޞްލާޙީ މަގުޗާޓުގައި ހިމެނެނީ އެ ޤައުމުގައި ވަޤުތީ ސަރުކާރެއް އެކުލަވާލާނެ އުޞޫލުތަކާއި އިންތިޚާބާބެހޭ ޤާނޫނެއް އެކުލަވާލުމެވެ. ނަމަވެސް އޭގެ އެއްވެސް ތަފްޞީލެއް ސަޢީދު އިޢުލާންކުރައްވައިފައެއް ނުވެއެވެ.
ތޫނީސިޔާގައި ދިމީޤްރާޠީ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައި ފެތުރުނު ޢަރަބި ބަހާރުގެ ތެރެއިންނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި އެކަށީގެންވާ ގޮތަކަށް ސަރުކާރެއް ހިންގިފައެއް ނުވެއެވެ.