ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ސޮއިކުރި 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެން.ބީ.ސީ.ސީ ލިމިޓެޑާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު އެފް.ޑީ.ސީގެ ފަރާތުން ސޮއިކޮށްފައިވާ އީ.ޕީ.ސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2ގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓްތައް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުގެ ސޮވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ.
މީގެ ތެރޭގައި ހިމެނެނީ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން އެމެރިކާ ޑޮލަރު ގެ ލޯނަކާއި 110.5 މިލިއަން އެމެރިކާ ޑޮލަރުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނަމަިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވީ ބޯހިޔާވަހިކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށާއި 4000 ހައުސިން ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެވޭނެކަމެއްކަމަށެވެ.
އެން.ބީ.ސީ.ސީ ލިމިޓެޑާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހުގައެވެ. އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ މިއަހަރުގެ މާރޗްމަހުގައެވެ
މި 2 މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުންނާނެއެވެ. މިމަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެފް.ޑީ.ސީ އަދި އެގްޒިމް ބޭންކުގެ އިތުރުން މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލާއި މިނިސްޓްރ އޮފް ފައިނޭންސް އިބްރާހިމް އަމީރާއި ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.