ޚަބަރު

އިޤްތިޞާދު އަލުން އިޢާދަވާނެކަމަށް ލަފާކުރެވެނީ 2023ގައި: އަމީރު


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ޙާލަތުން އަރައިގަނެ، ކުރީގެ ޙާލަތަށް ރުޖޫޢަ ވެވޭނެކަމަށް ލަފާކުރެވެނީ 2023ވަނަ އަހަރު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑާ ގުޅިގެން ސިވިލްސަރވިސް މުވައްޒަފުންގެ، ކަނޑާލި އެލަވަންސް ދެވޭނެ ތާރީޚެއް ސާފުކުރުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ލިޔުމުން ޖަވާބު ހޯއްދެވުމަށް ދެންނެވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާއެކު ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ ޢާމްދަނީ ދަށްވެ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމަށެވެ.

މިއަހަރުގެ ޖުލައިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ފިސްކަލް ސްޓްރެޓަޖީ 2024 - 2022" ގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ކޯވިޑް-19ގެ ޙާލަތުން އަރައިގަނެވި ޢާންމު ޙާލަތަކަށް ރުޖޫޢަ ވެވެންދެން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅައި، ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިއޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ކުރިން ހުރި މިންވަރަށް ދައުލަތުގެ ޢާމްދަނީ އިޢާދަވާނެކަމަށް އަންދާޒާކުރެވެނީ 2023ވަނަ އަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަހަރާ ހަމައަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ކޭޝްފްލޯއާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެކަމަށާ، ފިސްކަލް ސްޓްރެޓެޖީއާއި ބަޖެޓުގެ ހިސާބުތައް ތައްޔާރުކުރުމުގައި ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މުވައްޒަފުންގެ ޕްރޮމޯޝަނަކީ ކޯވިޑް-19އާއެކު ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން ހުއްޓާލާފައިވާ އެއްޗެއްކަމަށާ، އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތަޢުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕަރފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަޑާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޤްތިސާދީ ގޮތުން ދިމާވި ދަތި ޙާލަތުން އަދި އަރައިނުގަނެވުނު ނަމަވެސް، ގިނަ މުވައްޒަފުންގެ، ސެޓިފިކެޓް އެލަވަންސް މިހާރު ވަނީ ދޭންފަށާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޕާފޯމަންސް އެލަވަންސް އަދި ދޭންފަށާފައިނުވާކަމަށާ، މިއެލަވަންސް އަލުންދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ ޢާމްދަނީއަށް އައި ހީނަރުކަން ފިލައިގޮސް، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުންކަން މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19އާ ގުޅިގެން ގެއްލިގެން ދިޔަ ޢާމްދަނީއަކީ މުސްތަގުބަލުގައިވެސް ދައުލަތައް ޢިއާދަކުރެވޭނެ ޢާމްދަނީއެއް ނޫންކަމުން، ދެމެހެއްޓެނިވި މިންގަނޑެއްގައި ޚަރަދާއި ޑެފިސިޓް ބެހެއްޓުމަށް އެޅި ފިޔަވެއްގެ ގޮތުން ހުއްޓާލި އެލަވަންސެއް އަލުން ދޭން ފަށާއިއިރު، އެއެލަވަންސް ނުލިބި ދިޔަ ދުވަސްތަކަށް އެލަވަންސް ދޭން ނުފެންނަކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޯވިޑާ ގުޅިގެން ދިމާވި އުގަދޫ ޙާލަތުގައިވެސް ސަރުކާރުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް މުސާރަތައް ބަރާބަރަށް ދިންކަމީ މިޙާލަތުގައިވެސް ސަރުކާރުން ގެންގުޅުއްވި ހަރުރަނާ އިޤްތިޞާދީ ސިޔާސަތު ހާމަވާ ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.