ދުނިޔޭގެ ވިޔަފާރި

ވެކްސިންޖަހަން ދެކޮޅުހަދާ ޔުނައިޓެޑް އެއަރލައިންގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ


މިދިޔަ އޯގަސްޓްމަހު އެކުލަވާލާފައިވާ އުޞޫލުގެ ދަށުން ކޯވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޔުނައިޓެޑް އެއަރލައިންސް (ޔޫއޭއެލް)އިން ނިންމައިފިއެވެ.

ޗިކާގޯގައި ހުންނަ މިއެއަރލައިންގައި ވެކްސިން ފުރިހަމަނުކުރާ 593 މުވައްޒަފުން އެބަތިއްބެވެ. އެހުރިހާ މުވައްޒަފުންވެސް މިހާރު ވަނީ ކަނޑާލަން ނިންމާފައެވެ. ނަމަވެސް ކަނޑާލުމުގެކުރިން ވެކްސިން ފުރިހަމަކުރުމަށް އަދި އެއް ފުރުޞަތު އެ މުވައްޒަފުންނަށް ދޭނެކަމަށް ޔުނައިޓެޑުން ބުނެއެވެ.

67000 އެމެރިކާ މުވައްޒަފުން މަސައްކަތްކުރާ އެއަރލައިނުން ވަނީ ސެޕްޓެމްބަރު 27ގެ ކުރިން ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަކުރިކަމުގެ ހެކި ހުށަހަޅަން އަންގާފައެވެ. ސެޕްޓެމްބަރު 20ގެ ކުރިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މުވައްޒަފުންނަށް އިތުރު ދުވަހެއްގެ މުސާރަ ދޭނެކަމަށްވެސް ޔުނައިޓެޑް އެއަރލައިނުން ބުނެއެވެ.

މި އުޞޫލުގެ ދަށުން ވެކްސިން ފުރިހަމަ ނުކުރެވޭނެކަމަށް އެއަރލައިންގެ 2000 އެއްހައި މުވައްޒަފުން ވަނީ ބުނެފައެވެ. އޯގަސްޓްމަހު އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން މިކަން އިޢުލާނުކުރިއިރު އެއަރލައިންގެ %90 ޕައިލެޓުންނާއި %80 ފްލައިޓް އެޓެންޑެންޓުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

އެއަރލައިނުން ނެރުނު މެމޯއެއްގައި ޗީފް އެގްޒެކްޓިވް ސްކޮޓް ކާރބީ އަދި ރައީސް ބްރެޓް ހާޓް ވިދާޅުވީ އެންމެންވެސް ވެކްސިން ފުރިހަމަ ކުރުމުން އެންމެންވެސް ރައްކާތެރިވާނެކަމަށާ، މިއީ އުދަގޫ ނިންމުމެއް ނަމަވެސް އެއަރލައިންގެ މުވައްޒަފުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ވަނީ ވިދާޅުވެފައެވެ.

އެ އެއަރލައިންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވިގޮތުގައި އަންނަ އަހަރު އެ އެއަރލައިނަށް 25000 މުވައްޒަފުން އައްޔަން ކުރާނެއެވެ. މި ހުރިހާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަކުރަން ޖެހޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއަރލައިންގެ ޕައިލެޓް ޓްރެއިނިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންވެސް ވެކްސިން ފުރިހަމަކުރަންޖެހޭނެކަމަށް ޔުނައިޓެޑް އެއަރލައިނުންބުނެއެވެ.

މިދިޔަ މަހު އެއަރލައިނުން އިއުލާންކޮށްފައިވާ 400 ވަޒީފާއަށް 700 ހުށަހެޅުން ވަނީ ލިބިފައެވެ. 2000 ފްލައިޓް އެޓެންޑެންޓުންނަށް ޔުނައިޓެޑުން އިޢުލާންކުރުމުން 20000އަށްވުރެ ގިނަ ހުށަހެޅުންވެސް އެއަރލައިނަށްވަނީ ލިބިފައެވެ. ޔުނައިޓެޑް އެއަރލައިން އަކީ މުވައްޒަފުންނަށް ވެކްސިން ފުރިހަމަކުރަން މަޖުބޫރުކުރި އެއަރލައިންތަކުގެތެރެއިން އެއް އެއަރލައިންއެވެ.