ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ކާރުޚާނާތަކުގެ މަސައްކަތްތައް ދަށަށްހިގައްޖެ


މިދިޔަ އަހަރު ފެބްރުއަރީމަހު ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމަށްފަހު ޗައިނާގެ ކާރުޚާނާތަކުގެ މަސައްކަތްތައް ފުރަތަމަ ފަހަރަށް ދަށަށްހިގައްޖެކަމަށް ޗައިނާގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

އުފެއްދުންތެރިކަން މިންކުރާ އެއް މިންގަޑުކަމަށްވާ ޕާރޗޭސިންގ މެނޭޖިންގ އިންޑެކްސް (ޕީއެމްއައި) އޯގަސްޓްމަހު ވަނީ %50.1އިން %49.6އަށް ދަށްވެފައިވާކަމުގައި ޗައިނާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޯވިޑްގެ ބަލިމަޑުކަން ކުރިމަތިވީފަހުން މިއީ ޗައިނާގެ ޕީއެމްއައި ދަށްވި ފުރަތަމަ ފަހަރެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާ ފުރަބަންދުކޮށް ކާރުޚާނާތައްވެސް ބަންދުކުރަންޖެހުނެވެ.

ބަލިމަޑުކަން ކޮންޓްރޯލްވެ ޗައިނާއަށް މިހާރު ދިމާވެފައިވާ މައްސަލައަކީ ތަކެތީގެ އަގުބޮޑުވެ ބައެއް ކާރުޚާނާތައް ބަންދުކުރަން ޖެހުމެވެ. މީގެއިތުރުން ވޭތުވެދިޔަ މަސްތަކުގައި ޗައިނާގެ 17 ޕްރޮވިންސަކުން ވަނީ ކަރަންޓުވެސް ކަނޑައިގެން ގޮސްފައެވެ.

ޗައިނާއަށް ފުރަތަމަ ކުރިމަތިވި ކޯވިޑްގެ ބަލިމަޑުކަމުން އެ ޤައުމު އަރައިގަނެފައިވީނަމަވެސް ހޫނު މޫސުމުގައި ކުރިމަތިވި ކޯވިޑްގެ ކުދިކުދި ރާޅުތަކުގެ ސަބަބުން އެތެރޭގެ ފަތުރުވެރިކަމަށް އަދި އުފެއްދުންތެރިކަމަށްވެސް ވަނީ ހީނަރުކަން އައިސްފައެވެ. މީގެސަބަބުން ޢިމާރާތްކުރުމާއި ޚިދުމަތްދިނުމުގެ މަސައްކަތްތައް އޯގަސްޓްމަހު ވަނީ ދަށްވެފައެވެ.

ޕީއެމްއައި ދަށްވުމަކީ ސަރުކާރަށް ދޭ އެލާމެއްކަމަށް މާހިރު ދެކިލައްވައެވެ. އަހަރުގެ 4ވަނަ ކުއާޓަރުގައި ސަރުކާރުންގެންގުޅޭ އުޞޫލުތަކަށް ބަދަލެއް ނުގެންނަނަމަ ޗައިނާގެ އިޤްޠިޞާދު އަދިވެސް ހީނަރުވެގެން ހިގައިދާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.