ޚަބަރު

ފުރަތަމަ ފަހަރަށް ނޭޕާލް ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި


ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި މިރޭ އަމިއްލަ ދަނޑުގައި ރާއްޖެއިން ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކޮށްފިއެވެ. މިމެޗު ނޭޕާލުން ކާމިޔާބު ކުރީ 1 - 0 ގެ ނަތީޖާއަކުންނެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ރާއްޖޭގެ ފަރާތުން އުންމީދުކުރެވޭ ވަރުގެ ކުޅުމެއް ދެއްކިފައިނުވެއެވެ. މެޗު ފެށިގެން ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ކުޅެފައިވާއިރު، ދެޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުގައި ދިވެހި ޓީމުން އަލީ އަޝްފާޤާއި، އަލީ ފާސިރު ސެންޓޭގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފެއްދިތަން ފެނިފައިވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް އަވަސް ގޭމެއް ކުޅުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ނޭޕާލްގެ ކުޅުންތެރިންގެ އަވަސް ކުޅުން ހުއްޓުވުމަށް ދިވެހި ކުޅުންތެރިނަށް އުދަނގޫތަކާއި ކުރިމަތިވެފައިވެއެވެ. މެޗުގައި ދިވެހި ޓީމުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ނަތީޖާއަށް ބަދަލު ގެނެވޭ ގޮތެއް ނުވިއެވެ. ރާއްޖޭގެ ޓީމުން ކުރިޔަށް ޖެހި ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް ނޭޕާލުން ކައުންޓު އެޓޭކްގައި ވަނީ މެޗު ނިމެން 6 މިނިޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

މި ގޯލާއެކު ރާއްޖެއިން ގޯލެއް ޖެހުމަށް ވަރަށްބޮޑަށް މަސައްކަތްކުރި ނަމަވެސް އެކަންވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މިރޭގެ މެޗުގައި ނޭޕާލްގެ ގޯލްކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. ރާއްޖޭގެ ޓީމުން އުފެއްދި ނުރައްކާތެރި ގިނަ ޙަމަލާތަކެއްގެ ހުރަހަކަށްވީ ރާއްޖޭގައި ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ ނޭޕާލްގެ ކީޕަރެވެ.

މިމޮޅާއެކު މިއީ ފާއިތުވެދިޔަ 37 އަހަރުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެއިން މިހާތަނަށް ނޭޕާލާއެކު ކުޅުނު 9 މެޗުގެ ތެރެއިން 4 މެޗުން އެއްވަރުގެ 4 މެޗުން މޮޅު ވެފައިވާއިރު، މިރޭ ވަނީ ބަލިވެފައެވެ.