ޚަބަރު

އޮފިސަރުންނާއިމެދު ފިޔަވަޅު އެޅުމުގައި ބޯޑަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތް: މިނިސްޓަރ


ޚިދުމަތުގައި ދެމިތިބި 7 އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ނިންމެވި ނިންމެވުމަށް ޕޮލިސް ބޯޑަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިސް 7 އޮފިސަރަކު ވަޒީފާއިން ވަކިކޮށް، ފިޔަވަޅު އަޅަން ނިންމާފައިވަނީ އިންސާފުންތޯއާއި، އަދި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައިވޭތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ބޯޑުން މިމައްސަލައިގައި އަމަލުކޮށްފައިވަނީ ޤާނޫނުގެ ތެރެއިން ބޯޑަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުންކަމަށެވެ.

ބޯޑުން ނިންމި ނިންމުމުގައި މިނިސްޓަރގެ ހައިސިއްޔަތުންވެސް އަދި ސިޔާސީ އެހެން ބޭފުޅެއްގެ ފަރާތުންވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ބޯޑަށް ޤާނޫނުގައި މަތިކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކަކީ ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.

ފުލުހުންގެ ބޯޑުން ވަކިކުރަން ނިންމާފައިވާ 7 އޮފިސަރުންގެ ތެރެއިން 2 ބޭފުޅަކަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ފޮނުވާފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

ޕޮލިސް ބޯޑު ޢައްޔަންކުރާ ތާރީޚުން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާގޮތް ވަނީ ބަލައި، ދިރާސާކޮށްފައެވެ.

ޕޮލިސް ބޯޑުން ބެލި ކަންތައްތަކަށްފަހު ފުލުހުންގެ ބައެއް އޮފިސަރުންނާއިމެދު ފިޔަވަޅު އެޅުމަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް ދަންނަވާފައެވެ. ފިޔަވަޅު އަޅަން ލަފާދީފައިވާ ފަރާތްތައް ކަމަށްބުނެ އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެފުލުހުންނާމެދު ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ އިޖުރައާތު ހިންގި ފަރާތްތައް ކަމަށް ނުވާތީ އެއީ ޕޮލިސް ބޯޑުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ސައްޚަ ލިސްޓު ނޫން ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ބަލައި އެމަސައްކަތްވަނީ ނިންމާފައެވެ.