ޚަބަރު

ސްޓެލްކޯއިން ހަކަތަ އުފައްދާ ސިސްޓަމްތައް ފަރުމާކުރަނީ


ހަކަތަ އުފައްދާ ސިސްޓަމްތައް ފަރުމާކުރުމާއި ކަރަންޓު ޖެނަރޭޓަރުތަކާ ގުޅޭ މަސައްކަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ ވޯކްޝޮޕެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގައި "ސްޓެވޯ"ގެ ނަމުގައި ވޯކްޝޮޕް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލްއެވެ.

ސްޓެވޯގެ ނަމުގައި ސްޓެލްކޯއިން ހުޅުވި މި ވޯކްޝޮޕަކީ ޕަވާ ޖެނަރޭޝަން ހިދުމަތްތަކާއި ޕަވަރ ސިސްޓަމް ޑިޒައިނިން އެންޑް ކޮމިޝަނިން އަދި ޖެނަރޭޓަރު އެސެމްބްލީ އާއި ސާރވިސިންއާ ގުޅޭ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނެކެވެ. މިއީ ސްޓެލްކޯއަކީ ޔުޓިލިޓީ ކުންފުންޏަކަށްވުމާއެކު ޕްރޮޖެކްޓުތަކާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ކުރާ ކަންކަމެވެ. ނަމަވެސް ވިޔަފާރި އުސޫލުން މި ހިދުމަތްތައް ސްޓެލްކޯއިން ދޭން ފެށީ އަލަށެވެ.

ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ މި މަސައްކަތަކީ އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލިއްޔަތުގެ ބޭނުންކޮށްގެން ހުރިހާ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދޭން ފެށި މަސައްކަތެއްކަމަށެވެ. މުޢުނީ ވިދާޅުވީ ސްޓެލްކޯއިން ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް އުފެއްދުމަށްވެސް ވިސްނާފައިވާކަމަށެވެ. އަދި މި ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށްވާތީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ކަމަށެވެ. އަދި މި ވެހިކަލްތަކަކީ ރާއްޖޭގެ މަގުތަކުގައި ދުއްވަން ރައްކާތެރި ގޮތަކަށް އުފައްދާ ވެހިކަލްތަކެއްކަމަށް ވެސް މުޢުނީ ވިދާޅުވިއެވެ.

"ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން. ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ވެހިކަލް އުފައްދާ ބާޒާރަށް ނެރޭނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވިއެވެ.

ސްޓެވޯއިން ފޯރުކޮށްދޭ ޚިދުމަތްތައް

  • ޕަވާ ޖެނަރޭޝަން ސާވިސަސް އަދި ޖެނަރޭޓާ އެސެމްބްލީ
  • ޖެނަރޭޓާ ސާވިސަސް
  • އޯލްޓަނޭޓާ އެންޑް މޮޓޯ ސާވިސަސް
  • ޕަވާ ސިސްޓަމްސް ޑިޒައިނިން އެންޑް ކޮމިޝަނިން
  • ޕެނަލް ސާވިސަސް
  • އާރްއޯ ޕްލާންޓް އެސެމްބްލީ
  • އަލްޓްރާސޮނިކް ކްލީނިން

މި ވޯކްޝޮޕުގައި ތިން މޮޑަލެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800އެވެ. އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވޭނެ ކަމަށާއި ވޮރެންޓީވެސް ދޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޖެންސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުން ދިފައެވެ.