ޚަބަރު

ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޢިއްޒަށް ދަޢުވާ ކޮށްދޭން އެދިއްޖެ


ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައިކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި، އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބުގެމައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް އޭސީސީން ހުށަހަޅައިފިއެވެ.

އޭސީސީން ނިންމާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ޢަމަލުކުރުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުޢިއްޒުގެ މައްޗަށް ކުރުމަށް ޕީޖީއަށް ފޮނުވުމަށެވެ.

އެ މައްސަލައިގެ ތަފްސީލް ހާމަ ކުރައްވައި، އޭސީސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެނު ކަންކަމުގެ ތެރޭގައި، ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު 03 އަހަރު ދުވަހުގެ އެއްބަސްވުމެއް 22 ސެޕްޓެންބަރު 2016 ގައި ވެފައިވާކަންކަމަށެވެ.

އެއެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ"ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ޤާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭކަމަށްވެސް އޭސީސީން ދައުވާކުރަން ފޮނުވި މައްސަލާގައި ވެއެވެ.

އޭސީސީން ވިދާޅުވީ، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެބިމަށް ބައެއް ބަދަލުތައް ގެނެސް، އެބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ 03 އަހަރުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީ.އެސް.އާރުގެ ގޮތުގައި ދެމިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ.

އޭސީސީން ވިދާޅުވީ، މާލިއްޔަތު ޤަވާޢިދާ ޚިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކޮށް އެއްބަސްވުމުގެ ފުރަތަމަ އިޞްލާޙުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އޭރުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބު ކަން އެނގޭކަމަށެވެ. އަދި ޗާޓައިމްގެ ބަދަލެއްގެ ގޮތުގައި 14,493,427.00 (ސާދަމިލިއަން ހަތަރުސަތޭކަ ނުވަދިހަ ތިންހާސް ހަތަރުސަތޭކަ ހަތާވީސް) ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ހައުސިންގ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވީނަމަވެސް، 14 އޮކްޓޫބަރު 2018ގައި މިކޮމިޝަނުން މިބަދަލު ދިނުން ހުއްޓުވައި، އޭގެ ސަބަބުން ދަޢުލަތަށް ވާންއޮތް 14 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ހުއްޓުވާފައި ވާކަމަށްވެސް އޭސީސީންވިދާޅުވެފައިވެއެވެ.