ސިޔާސީ

އެމް.އެން.ޑީ.އެފްގެ ޤައުމީ ލަވަ އަލްބަމް މިފަހަރު ޚާއްސަކޮށްފައިވަނީ ސިފައިންގެ ޚިދުމަތަށް


ދިވެހިރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނެރޭ ޤައުމީ ލަވަ އަލްބަމް 1443 ނެރެފިއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިޔުންތެރިން ލަވަކިޔާފައިވާ މި އަލްބަމްގައި މުޅިއެކު 6 ލަވަ ހިމެނެއެވެ. މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ "ސިފައިންގެ ޤާބިލުކަން - ޤައުމުގެ އަމާންކަން" މި ތީމަށެވެ. 2002ވަނަ އަހަރުން ފެށިގެން އެމް.އެން.ޑީ.އެފުން ނެރެމުން އަންނަ ޤައުމީ ލަވަ ސީޑީގެ މިއީ 20ވަނަ އަލްބަމެވެ.

މިފަހަރުގެ އަލްބަމުގައި ހިމެނޭ ލަވަތަކުގެ ތެރޭގައި އަންހެން ސިފައިންގެ ލަވަ، ޤައުމީ ޚިދުމަތުގައި އެފްއާރުއެސް (އެފްއާރުއެސް)، ކަނޑުމަތީގެ ޤާއިދުން (ކޯސްޓްގާޑް)، ރަތް ލަޝްކަރު (މެރިން ކޯރ) ލަޝްކަރުގެ މައިބަދަ (ސަރވިސް ކޯރ)، އަދި މަދަނަ ވެށްޓަކަށް (މެޑިކަލް ކޯރ) ހިމެނެއެވެ.

މި އަލްބަމްގެ ޅެންތައް ހައްދަވާދެއްވައިފައި ވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ވޮރަންޓް އޮފިސަރ3 އާސިމް ރަޝީދު، ސާޖަންޓް އުބައިދު ޢަބްދު ﷲ އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ.

އަލްބަމްގެ ރާގާއި މިޔުޒިކް ހައްދަވާފައިވަނީ އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ  ލެފްޓިނަންޓް ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 1 ޢަބަދުﷲ އިލްހާމް އިބްރާހީމް،  ސްޓާފް ސާޖަންޓް އިބްރާހީމް އާޝިފް، ޕްރައިވެޓް މޫސާ ކަލީމް، ޕްރައިވެޓް އިސްމާޢީލް ޔަމާން އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ.

މި އަލްބަމުގެ ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ވީޑިއޯގްރަފީ އެންޑް އޯޑިއޯ ވިޝުއަލްސް ޑިޕާޓްމަންޓްގެ އިތުރުން އަލްފާޟިލް އައްޝަރު ވަހީދާއި ވޮރަންޓް އޮފިސަރ 2 އިބްރާހީމް އަޙްމަދެވެ. މިއަލްބަމުގެ ވީޑިއޯ ލަވަތައް އެމް.އެން.ޑީ.އެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.