ވިޔަފާރި

އޭޝިއާގެ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް 4ވަނަ ފަހަރަށް ބީއެމްއެލްއަށް


ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ލިބިއްޖެއެވެ. މިއެވޯޑް ބޭންކާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ކުންފުންޏަކަށް ބޭންކް ވަނީ ހޮވިފައެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާގުޅޭ ކަންކަމުގައި މުއައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިޢާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައި ހިމެނޭއިރު އެޗް.އާރު ގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑް ދެވެއެވެ.

ބޭންކުން އޮންލައިންކޮށް ބައިވެރިވި މިއެވޯޑް ހަފްލާގައި ބޭންކުގެ ފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒް، ހެޑް އޮފް ބްރާންޗެސް އެންޑް ސަރވިސް ސެންޓަރސް، ޙުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު ޢަލީއެެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އެންމެ މުހިންމު އަމާޒަކަށްވީ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން ކަމަށެވެ.

އެ ބޭންކުގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސަހާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ އެކި ޙަރަކާތްތައް ބާއްވަމުންނެވެ.