ޚަބަރު

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި


ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް 200 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭން، ބީލަން ހުށަހެޅުމުގެ ފުރުސަތު ފުލުހުންގެ އިދާރާއިން އެންމެ ފުރަތަމަ ހުޅުވާލީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. އެފަހަރު އިއުލާންކުރީ 1،400 ކެމެރާ ހޯދުމަށެވެ. ނަމަވެސް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނެތުމުން ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނައުމަށްފަހު މިފަހަރު ހުޅުވާލީ 200 ކެމެރާ ހޯދުމަށެވެ.

ފުލުުހުންގެ ބޭނުމަށް 200 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ކެމެރާ ބޭނުންކުރުމުގެ ޓްރައަލްތަކެއް ނުވަތަ އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ކޮށްފައެވެ. މިކަމާގުޅިގެން އޭރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން ސީޕީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފޭރުމާއި، ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުންދާއިރު، މިކަންކަމުގެ މައްސަލައިގައި އެކަށޭނަ ހެކި ނުލިބުމުން ކުށްވެރިން ވަނީ ދޫކޮށްލަންޖެހިފައެވެ. ފޭރާމުގައި ހަރުކުރެވޭ ކެމެރާއާއެކު މިފަދަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ބެލެވެއެވެ.

ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 2019 ވަނަ އަހަރުގެ ފަހުކޮޅު ފުލުހުންވަނީ ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައެވެ. އެގޮތުން 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ.