ޚަބަރު

ސައިކަލާއި، ބައިސްކަލް ހެދުމުގެ ޚިދުމަތްތެރިޔާ ހަސަންފުޅުބެ ނިޔާވެއްޖެ


މާލޭގެ މަޝްހޫރު ގަރާޖު ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ ތެރެއިން (ހަސަންފުޅު ގަރާޖް)ގެ ވެރިޔާ ހަސަން ޤާސިމް (ހަސަންފުޅުބެ) ނިޔާވެއްޖެއެވެ.

ހަސަންފުޅުބެނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އުމުރުން 76 އަހަރުގައި ހަސަންފުޅުބެ ނިޔާވެފައިވާއިރު، އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުއް ތަޢާވުން (އާސަހަރާ) މިސްކިތުގައެވެ.

ހަސަންފުޅުބެ މާލެއަށް މަޝްހޫރުވެފައިވަނީ، ގަރާޖުގެ ޚިދުމަތް ދޭ ފަރާތެއްގެ ގޮތުގައެވެ. މީގެ 40 އަހަރު ކުރިން ހަސަންފުޅުބެ ފެށި މިމަސައްކަތަކީ އެތައް ބަޔަކަށް އެކަމުން ބޮޑު ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ މަސައްކަތެކެވެ.

މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު އޭނާ ފެށީ ބައިސްކަލު މަރާމާތު ކުރުމުގެ މަސައްކަތެވެ. ނަމަވެސް ފަހުން ސައިކަލުތައް ގިނަވެ، ސައިކަލުތަކުގެ ޑިމާންޑު ބޮޑުވުމުން ހަސަންފުޅުގެ ގަރާޖަކީ ސައިކަލަށްވެސް ޚާއްސަ ގަރާޖަކަށްވެގެން ދިޔައެވެ. އޭނާގެ ގަރާޖުން ޚިދުމަތް ހޯދާ މީހުން އެނޫން އެހެން ތަނަކަށް ޚިދުމަތް ހޯދަން ނުދާކަންވެސް ފާހަގަކޮށްލެވެ. އެންމެ ބޮޑު ސަބަބަކީ ހަސަންފުޅުބެގެ ސަކަ މިޒާޖާއި، އޮންނަ އެކުވެރިކަމެވެ.

ގަރާޖުން ޚިދުމަތް ހޯދާ މީހުންނަށް ހިލޭ ވައި ޖަހައި ދިނުމާއި، ލޯގަނޑު ބަދަލުކޮށް ދިނުމާއި، މިނޫންވެސް ބައެއް ކަންކަން ހަސަންފުޅު ކޮށްދެނީ އެއްވެސް އަގެއް ނެގުމެއްނެތިއެވެ. އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ގޮތުން މި ޚިދުމަތަކީ ހިލޭ ދޭ ޚިދުމަތެއްގެ ގޮތުގައި ވަނީ ހަދާފައެވެ. ހަސަންފުޅުބެ މިގޮތަށް މިކަން ކުރަން ފެށުމުން ރާއްޖޭގައި ގަރާޖުގެ ޚިދުމަތް ދޭ އެހެން ބައެއް ފަރާތްތަކުންވެސް މިޚިދުމަތް އާއްމުންނަށް ހިލޭ ދޭން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު ފައިސާ އިންނެވެ.

ހަސަންފުޅުބެ ގަރާޖުގެ ޚިދުމަތް ހޯދަން ދާއިރު، އޭނާއާއި ބައްދަލުނުވާ ފަހަރެއް މަދުވާނެއެވެ. އަބަދުވެސް ގޮޑި އަޅައިގެން ގަރާޖު ކުރިމަތީ އިންނަވައެވެ. އުމުރުން ދުވަސްވެ އަމިއްލައަށް މިމަސައްކަތް ނުކުރެވުމުން ބިދޭސީންގެ އެހީއާއިއެކު އޭނާގެ ސީދާ ބެލުމުގެ ދަށުން މިމަސައްކަތް މެދު ކަނޑާނުލައި އޭނާ ދިޔައީ ކުރަމުންނެވެ.

ހަސަންފުޅަކީ ރާއްޖޭގައިވެސް ގަރާޖުގެ ޚިދުމަތް ދިނުމުގައި ނަމޫނާ ބޭފުޅެކެވެ. މާލޭގައި އެންމެ ފުރަތަމަ ގަރާޖު ޚިދުމަތް ދޭންފެށި އަބާގެއިން މިމަސައްކަތަށް ޝައުގުވެރިވި، ހަސަންފުޅަށް މިޚިދުމަތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑަށް އެހީތެރިވެދިނީވެސް އަބާގޭގެ ބޭފުޅުންނެވެ. އެގޭ ކުދިން އޭނާއަށް ގަރާޖެއް ހަދައި ޚިދުމަތް ދެވޭނެ ގޮތް ފަހި ކުރުމުން ފާއިތުވެދިޔަ 40 އަށްވުރެ ގިނަ އަހަރުގައި އޭނާ ދަނީ މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެމުންނެވެ.

ހަސަންފުޅުބެއަކީ ހަމައެކަނި ގަރާޖު ޚިދުމަތުގެ ޚިދުމަތްތެރިއެއް ނޫނެވެ. އޭނާއަކީ ބަރަކާތްތެރި ރަމަޟާން މަހު މަޖީދީ މަގުގައި ހުންނަ އަފީފުއްދީން މިސްކިތަށް ރޯދަ ވީއްލާ ގަޑިއަށް އަންނަ މީހުންނަށް އެޚިދުމަތްވެސް ފޯރުކޮށްދެމުންދިޔަ އިޖުތިމާއީ ޚިދުމަތްތެރިއެއްވެސް މެއެވެ. ގޭގެއިން ގެންނަ ހެދިކާ، ޖޫސްތަކާއި، އޭނާގެ ޚަރަދުގައި ގެންނަ ތަކެތިވެސް ތަށި ތައްޓަށް އަޅައި ރޯދަ ވީއްލަން އަންނަ މީހުންނަށް މި ޚިދުމަތް އޭނާ ދިޔައީ ދެމުންނެވެ. މިޚިދުމަތް ދިނުމުގައިވެސް ފަސޭހަ ގޮތްތަކެއް ހަސަންފުޅުބެ ވަނީ އިންތިޒާމު ކޮށްފައެވެ. އެގޮތުން ޖޫސް އަދި ފެން ބޯން ބޭނުންވާ މީހުންނަށް ޓައްޕެއްގައި އިސްކުރެއް ހަރުކޮށް، ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމުވެސް ހަސަންފުޅުބެ ވަނީ ހަމަޖައްސައި ދީފައެވެ. މިސްކިތުގައި ޖާގަ ކިތަންމެ ކުޑަނަމަވެސް މިސްކިތަށް އަންނަ ބިދޭސީންވެސް ހިމެނޭހެން އެންމެންނަށް ރޯދަ ވީއްލުމުގެ ކަންކަން ހަސަންފުޅުބެ ދިޔައީ ހަމަޖައްސާދެމުންނެވެ.

ހަސަންފުޅުބެ ނިޔާވި ޚަބަރަކީ މާލޭގެ ސައިލާއި، ބައިސްކަލް ދުއްވާ މީހުންނަށް ހިތާމަވެރި ޚަބަރެކެވެ. މިފަދަ ބޮޑު ޚިދުމަތްތެރިއަކު ވަކިވެ ދިއުމަކީ މުޅި މުޖުތަމައަށް އެކަމުގެ ހިތާމަ ކުރަނިވިކަމެކެވެ. ޕީއެސްއެމްގެ ނިއުސްޓީމުގެ ފަރާތުންވެސް ހަސަންފުޅުބެގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އާމީން.