ޚަބަރު

އެމްއެންޕީގެ އިންތިޤާލީ މަޤާމުތަކަށް ބޭފުޅުން ކަނޑައަޅައި، ޕާޓީ އުފެއްދުމުގެ ބައްދަލުވުން ބާއްވައިފި


މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބާއްވައި، އިންތިޤާލީ މަޤާމުތަކަށް އިންތިޚާބު ކުރަންޖެހޭ މެމްބަރުން އިންތިޚާބު ކޮށްފިއެވެ.

އިއްޔެ ބޭއްވި އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުގައި ޕާޓީގެ އިންތިޤާލީ ރައީސަކަށް ޕާޓީގެ މުއައްސަސިސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އިންތިޚާބަކާއި ނުލައި ހޮވިފައެވެ. އެމްއެންޕީގައި 6 ނާއިބު ރައީސުން ތިއްބަވާނެއެވެ. ވަދާކުރާނެ އިތުރު މީހަކު ނެތިގެން، އިންތިޚާބަކާ ނުލައި ހަތަރު ނާއިބު ރައީސުން ވަނީ ހޮވިފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ.


ނާއިބް ރައީސް ކަމަށް އިންތިޚާބުވި ދެބޭފުޅުންނަކީ ޝިދާތާ ޝަރީފްއާއި، މިރުފަތު އިސްމާއީލް ޝަފީޤުއެވެ. އަންހެނުންގެ ގޮފީގެ ރައީސްކަމަށް އިންތިޚާބު ވެފައިވަނީ ދުންޔާ މައުމޫންއެވެ. މީގެ އިތުރުން އެޕާޓީގެ އިންތިޤާލީ އެކި މަޤާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ. އެމްއެންޕީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ދިދައާއި ލޯގޯއާއި ކުލައާއި، ވަގުތީ އަސާސީ ގަވާއިދުވެސް ވަނީ ފާސްކޮށްފައެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ، މި ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިޤާލީ ރައީސް ކާނަލް ނާޒިމް ވިދާޅުވީ އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވުޖޫދުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އޭނާ ވަނީ އެމްއެންޕީން އަމާޒު ހިފާފައިވާ ކަންތައްތަކާއި، ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެޕާޓީން ގެންގުޅޭނެ ސިޔާސަތުތައްވެސް ހާމަ ކުރައްވާފައެވެ.

މިޖަލްސާގައި އެޕާޓީގެ އިންތިޤާލީ ނާއިބް ރައީސުން ކަމުގައިވާ އަބްދުﷲ ރިޔާޒާއި، އަހުމަދު އުޝާމްވެސް ވާހަކަ ދައްކަވާފައިވެއެވެ. އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ގެންދިއުމެވެ.