ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްގެއް ކަމަށް ފުރަތަމަ ފަހަރަށް އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުން ފާސްކޮށްފިއެވެ.
އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 13 އިން ފެށިގެން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 48 ވަނަ ބައްދަލުވުމުގައެއެވެ.
ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤެއް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖެއާއި އިތުރު 4 ގައުމަކުން އިސްނަގައިގެން ފާއިތުވީ އަހަރުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި ޤައުމުތަކުގެ ތެރޭގައި މޮރޮކޯ، ސްވިޓްޒަރލޭންޑް، ސްލޮވީނިއާ އަދި ކޮސްޓަރިކާ ހިމެނެއެވެ.
އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މި ނިންމުން ފާސްކޮށްފައިވަނީ 47 މެމްބަރުންގެ ތެރެއިން 43 މެމްބަރު ޤައުމުގެ ވޯޓުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުލާ 4 މެމްބަރުން ތިބިއިރު، އެގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓުލާފައެއްނުވެއެވެ. އެގޮތުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއް ކަމަށް ގަބޫލުނުކުރާ އެއްވެސް ގައުމެއް އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ނެތްކަން މިވޯޓުން ހާމަވެގެން ދެއެވެ.
ފާއިތުވީ އަހަރުން ފެށިގެން، ސްވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން މި ހައްގު އދ.ގައި ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޖެނީވާގައި އެކި ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އދ.ގެ އާންމު މަޖިލީހުގައި މިކަމަށް ތާއީދު ހޯދުމުގެ ގޮތުން ވަނީ ވަކާލާތުކޮށްފައެވެ. އެގޮތުން މިކަމުގައި ރާއްޖެއާއެކު މަސައްކަތްކުރި އެހެން ޤައުމުތަކާއި ގުޅިގެން ހުށަހެޅުނު ބަޔާންތަކަށް 69 އަށްވުރެ ގިނަ އދ.ގެ މެމްބަރު ގައުމުތަކުން ތާއީދުކުރިއެވެ. އަދި މިގަރާރު ފާސްކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުންނާއި 1300 އަށްވުރެ ގިނަ މަދަނީ ޖަމިއްޔާތަކުންވަނީ އދ.އަށް ގޮވާލާފައެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމާފައިވާ މިނިންމުމަކީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެކެވެ. މި ނިންމުމުގެ ސަބަބުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއް ކަމަށް ގައުމުތަކުން ވަނީ ބަލައިގަނެފައެވެ. އަދި، ޖައްވު ސާފުކޮށް ބެހެއްޓުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ބިންތިރި އެހެން ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ތަހައްމަލުކުރަންޖެހިފައިވާ ގައުމުތަކަށް ވީހިނދު، މިފަދަ ހައްގެއް އދ.އިން ކަނޑައެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ލިބިގަތުމަށާއި، އެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުނު މުހިންމު ނިންމުމެއްކަމަށެވެ. އަދި ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް މިހާތަނަށް 155 ގައުމެއްގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ އަދި މިހައްގަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހައްގެކެވެ.
މިއަދު މި ގަރާރު ފާސްވުމުން ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އިންސާނީ ހައްގެއްކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިނުވާ ގައުމުތަކަށް އެކަން ގާނޫނު އަސާސީގައި ހިމެނުމަށް އިތުރަށް ބާރުއެޅިގެންދާނެއެވެ. އަދި، މި ނިންމުމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތާ ގުޅޭގޮތުން އދ.އަށް ޖަވާބުދާރީވާންޖެހުމާއެކު، ގައުމުތަކުގެ ތިމާވެއްޓާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.
މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ދިވެހި ޚާރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ފުރިހަމަކަމާއި، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ހާމަވެގެންދިޔަ އަލިގަދަ ދަލީލެއް ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރައްވައެވެ.