ތަރައްްޤީ

މާލޭގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރަނީ


މާލެ ސިޓީގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފަށައިފިއެވެ.

މިއީ ވާރލްޑް ބޭންކުން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ޑިވެލޮޕް ޑިޒައިން އެންޑް ޕްރިޕެރޭޝަން އޮފް ޓެންޑަރ ޑޮކިއުމަންޓްސް ފޯ މާލެ ސްޓޯމްވޯޓަރ މެނޭޖްމަންޓްގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، މާލޭގައި ފެންބޮޑުވާ ހިސާބުތައް ހޯދައި، ފެންބޮޑުވާ މިންވަރު ބެލުމަށް އެކި ކަހަލަ ސާރވޭތައް ހަދައި، މި ފެން ބިމު އަޑީގައި ރައްކާ ކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރުންކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތުގެ މުއްދަތަކީ 06 މަސްދުވަހެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، ވޯލްޑް ބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަކީ ދުވަސްވީ މައްސަލައެކެވެ. މިކަން ހައްލުކުރުމަށްޓަކާ އެކި ސަރުކާރުތަކުން މީގެކުރިން މަސައްކަތްކޮށްފައިވީނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވިފައެއްނުވެއެވެ.