ޚަބަރު

ފަރުވާއަށްފަހު ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަރުވާ ހޯއްދެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި 4 ވަރަކަށް މަސް ދުވަސް ހޭދަކުރެއްވުމަށްފަހުއެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯއަށް ވަޑައިގެންނެވެ. އޭގެކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުންނާއި ޖަރުމަންވިލާތުން ފަރުވާ ހޯއްދަވާފައެވެ.

މޭމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު މަޖިލީހުން ވަނީ ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތުގެ އިންކުއެރީއެއް ހަދާފައެވެ. މި އިންކުއަރީގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޖިލިސް ރައީސްއަށް ޚާއްސަ ގެކޮޅުވެސް ވަނީ ހަމަޖައްސާފައެވެ.