ޚަބަރު

އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ، ނާއިބް ރައީސަކަށް އަދުހަމް


ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި، ނާއިބް ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވަނީ މަރިޔަމް މުނާގެ ނަންފުޅެވެ. ނާއިބް ރައީސްކަމަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ ޑރ.އަހުމަދު އަދުހަމްގެ ނަންފުޅެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ފޮނުވުނު މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

ކޮމިޝަންގެ ނާއިބް ރައީސްކަމަށް އައްޔަން ކުރުމަށް ފޮނުވުނު ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.