ޚަބަރު

އަންދާޒާކުރި ވަރަށްވުރެ ދައުލަތަށް ލިބޭ އާމްދަނީ އިތުރު: މަޖިލީހުގެ ރައީސް


ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމާއެކު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނާނެ ކަމަށް މިދިޔަ އަހަރު ބަޖެޓް ދިރާސާކުރިއިރު ލަފާކުރި މިންވަރަށް ވުރެ ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލީހުގެ ރިޔާސަތާއި ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގެން ކުރިއަށް ގެންދިޔަ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަހަރުގެ ފަހު ދައުރުގައި މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް ދިރާސާ ކުރުންކަމަށެވެ.

ބަޖެޓްގެ މަސައްކަތަށްދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅު ތަކާއެކު އިޤްތިޞާދު އަލުން އަރައި ގަންނަމުންދާ މިންވަރު އިތުރުވަމުން ދިއުންކަމުގައެވެ. މަޖިލީހުން ފާސްކުރި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑާއިއެކު އޮތް ހުރަސްތަކުގެ ތެރެއިންވެސް ބޯޑަރު ހުޅުވާލައި، އަލުން ފަތުރުވެރިކަން ފެށިގެން ދިޔަކަމީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވުމަށް ލިބިގެންދިޔަ މަގުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވުމުން މަޖިލީހުގެ ރައީސް ވަނީ، މިހާރު މަޖިލީހުގެ މަސައްކަތްތަކުގެ ތަފްސީލްވެސް ދެއްވާފައެވެ. އެގޮތުން ހުށަހެޅިފައިވާ 111 ބިލުގެ ތެރެއިން 32 ބިލެއްގެ މަސައްކަތް ނުނިމިވާކަމަށް ވިދާޅުވިއެވެ. އަދި 78 ބިލުގެ މަސައްކަތް ނިމިފައިވާއިރު، ނުނިމިހުރި ބިލުތަކުގެ ސުންގަނޑިތައް އަންނަ މަހުގެ މެދު ތެރެއަށް ހަމަވާކަން ހާމަކުރައްވަމުން ބިލުތައް ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ހުށަޅި 36 ޤަރާރުގެ ތެރެއިން 28 ގަރާރެއްގެ މަސައްކަތް ނިމި 8 ޤަރާރެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހުށަހެޅުނު 137 މައްސަލައިގެ ތެރެއިން 128 މައްސަލަ ނިމި 8 މައްސަލައެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އާންމުން ހުށަހެޅި 1126 މައްސަލައިގެ ތެރެއިން 1907 މައްސަލަ ނިމިފައިވާއިރު 181 މައްސަލައިގެ މަސައްކަތް ނުނިމި އޮތްކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި 701 މައްސަލަ ހުށަހެޅިފައިވާއިރު، 529 މައްސަލަ ނިމި 137 މައްސަލަ ނުނިމި އޮތްކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ނުނިމިވާ މަސައްކަތްތައް މަޖިލިސް މެމްބަރުން ޚާއްސަ ސަމާލުކަން ދެއްވައިގެން ވީހާވެސް އަވަހަށް ނިންމެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި ބައިވެރިވުމުން މެމްބަރުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން މަަޖިލީހުގެ މަސައްކަތް ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.