ޚަބަރު

ލަންދޫގެ އައު ބަނދަރާއެކު މިހާރު ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް


އިރުވައި މޫސުމެއްނަމަ ނ.ލަންދޫގެ ބަނދަރު އޮންނަނީ މަސްވެރި އޮޑިދޯނިފަހަރުތަކުން ފުރި ތޮއްޖެހިފައެވެ. ނ.އަތޮޅުގެ ރަށްތަކުގެ ތެރެއިން މަސްވެރިކަން އެންމެ ރަނގަޅު އެއްރަށަކަށް ލަންދޫވެފައި އެ ރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުން ގިނަފަހަރު މަސްވެރި އުޅަނދުތަކަށް އޮންނަނީ ޖާގަ ނެތިފައެވެ. އެރަށުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި މިއަދު އެވަޢުދު ފުއްދެވުމާ ގާތަށް ގޮސް ލަންދޫ ބަނދަރުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. ލަންދޫގެ ބަނދަރުގެ މަސައްކަތަށް 35.60 މިލިއަން ރުފިޔާ ޚަރދުވެއެވެ. މިބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަދުވަހުއެވެ.

ލަންދޫގައި 300 ފޫޓްގެ ބަނދަރެއް ފުރަތަމަ ފަހަރަށް ތަރައްޤީކޮށްފައިވަނީ 2008 ވަނަ އަހަރުހާ ތާގައެވެ. އެހެންނަމަވެސް އޭރު ތަރައްޤީކޮށްފައިވާ ބަނދަރުކުޑަވެ އެ ރަށުގެ އޮޑިދޯނިފަހަރުތަކަށްވެސް ގިނަ ފަހަރަށް ޖާގަ އޮންނަނީ ނެތިފައެވެ. ބަނދަރު ތިލަވުމާ ގުޅިގެން އޮޑިދޯނިފަހަރަށް ފަޅަށް ވަނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން އެރަށު ކައުންސިލުންވެސް ފާހަގަކުރައްވައެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު އެރަށުގައި ތަރައްޤީކުރަމުން އަންނަ 500 ފޫޓްގެ ބަނދަރާއެކު މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ވިދާޅުވީ އެރަށު ބަނދަރުގެ މަސައްކަތް ނިންމުމަށްޓަކައި އެމްޓީސީސީން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށެވެ. އަދި މިހާރު މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވާކަމަށާއި ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށަކީ މަސްވެރި ރަށެއް. ކަންނެލި މަސްވެރިކަން ކުރާ ފަރާތްތައްވެސް ބަނދަރުކުރަނީ މިރަށަށް ބަނދަރުގައި ޖާގަ ނެތުމުގެ ސަބަބުން ކަންނެލި ދޯނިތައްވެސް އޮންނަން ޖެހެނީ ބޭރުގައި މަޑުކޮށްގެން." ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

ލަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތުގެ 70 އިންސައްތަ ނިންމާލާފައިވާކަމަށެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިންމާ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް މިދިޔަ ހޮނިހިރުދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ލަންދޫގެ ބަނދަރުގެ މަސައްކަތް މި އަހަރު ކުރީ ކޮޅު ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ބަނދަރުގެ މަސައްކަތްވަނީ ލަސްވެފައެވެ. މި މަޝްރޫއުގެ ދަށުން 401 މީޓަރު ސަރަހައްދެއްގައި ހިލަ ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގެ މަގު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ އިތުރުން 1280 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.